އިސްލާމްދީނާއި ދެކޮޅަށް ވާހަކަތައް ދައްކާ ފަރާތްތަކަށާއި ވަކިވަކި ފަރުދުންނަށް ބިރު ދައްކާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމްދީނާއި ދެކޮޅަށް ވާހަކަތައް ދައްކާ ފަރާތްތަކާއި ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ހަމަ އެފަދައިން ހަމަނުޖެހުން އުފެދޭ ގޮތަށް އިންޒާރުދޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވިއިރު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ބަދުބަސްބުނެ ނެރެފައިވާ ރިޕޯޓެއްގެ މައްސަލަ ފުލުހުން މިހާރުވެސް އަންނަނީ ބަލަމުންނެވެ. އަދި އެކަމުގައި ސަރުކާރުން ވެސް ވަނީ އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. ދާދިފަހުން ސީޕީ ހަމީދު ވެސް ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އިންޒާރުދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ސީޕީ ވިދާޅުވެފައިވާއިރު އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާގެ މުވައްޒަފުންނާއި މެންބަރުންނަށް ފުރައްސާރަކޮށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާއިން ވެސް ވަނީ ގޮވާލައިފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާ އުވާލަން ގޮވަމުންނެވެ. އަދި އެ ޖަމިއްޔާގެ އިސް ފަރާތްތައް ހައްޔަރުކޮށް އަދަބު ދިނުމަށް އަންނަނީ ގޮވަމުންނެވެ. އިއްޔެ ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑުވެސް ކޮށްފައެވެ.