އޭނާގެ ޝިކާރަ ދެނެގަތީ އެ ޒުވާނާ އާންމުކުރި ސެލްފީއެއްގައި އޭނާގެ ލޮލުގެ ކަޅިއަށް އެޅިފައިހުރި ހިޔަންޏަކަށް ބަލައިގެން ކަމަށް، ޕޮޕް ސްޓާއަކަށް ފާރަލުމަށްފަހު އޭނާއަށް ޖިންސީ ފުރައްސާރަކުރި ޖަޕާނުގެ ފިރިހެންމީހާ އިއުތިރާފުވެއްޖެއެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން، އުމުރުން 26 އަހަރުގެ ފިރިހެން މީހާ ބުނީ ޕޮޕް ސްޓާ އުޅޭ ހިސާބު ދެނެގަތީ އޭނާ އާންމުކުރި ސެލްފީއެއްގައި އޭނާގެ ލޮލަށް ރޭލު ސްޓޭޝަނެއްގެ ހިޔަނި އެޅިފައި ހުރި ތަން ބަލައިގެން ކަމަށެވެ. ޕޮޕް ސްޓާ އޮންލައިންކޮށް ޕޯސްޓުކުރި ފޮޓޯއިން ހިޔަނިވި ރޭލު ސްޓޭޝަން ހޯދުމަށްފަހު ފިރިހެން މީހާ އެތަނުގައި ޕޮޕް ސްޓާގެ ފާރައަށް ހުރިކަމަށާ، އެއަށްފަހު އޭނާގެ ފަހަތުން އެގެއަށް ދިޔަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޖަޕާނުގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު، އުމުރުން އެންމެ 21 އަހަރުގެ އަންހެން ތަރިއަކަށް ހަމަލާދިން ފިރިހެން މީހާ، އެ ތަރި ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ދެނެގަނެފައި ވަނީވެސް އޮންލައިންކޮށް އެ ތަރި އާންމުކޮށްފައިވާ ވީޑިއޯތަކުގެ އެހީގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ވީޑިއޯތަކުގައި ފެންނަ މަންޒަރުތަކަށް ކުޑަދޮރުތަކުން ގުދުރަތީ އަލި ވަދެފައިވާ ހިސާބުތައް ހޯދައިގެން، އެ ތަރި އުޅެމުންދިޔަ ފަންގިފިލާ ދެނެގަތީކަމަށް ފުލުހުންވަނީ އެ ފިރިހެން މީހާއާ ހަވާލާދީ ތަފްސީލުކޮށްދީފައެވެ.

މި ޚަބަރުތައް އާންމުވުމާއެކު، އިންޓަނެޓް ޕްލެޓްފޯމު މެދުވެރިކޮށް މީހުންނަށް ފަރާލައިގެން ފަހަތުން ދިއުމުގެ ހަރަކާތްތަކުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެހެންކަމުން އޮންލައިން މީޑިއާގައި، ޕްރައިވަސީ ސެޓިންގް ކިތަންމެ ވަރުގަދަކޮށްފައި ނަމަވެސް ޕޯސްޓެއް ހިއްސާ ކުރާއިރު، ނުވަތަ ޕްރައިވެޓް މެސެޖެއްގެ ގޮތުގައި ދެވަނަ މީހަކަށް ޒާތީ ފޮޓޯއާއި ވީޑީއޯ ފޮނުވާ ހަދާއިރު، ތިބާގެ "ބޮސްއަށް ނުވަތަ ދުޝްމަނަށް" ފެންނަން ނޭދޭ އެއްވެސް މަންޒަރެއް ހިއްސާ ނުކުރުން ބުއްދިވެރިއެވެ.