ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ ސިޓީގައި ގެދޮރު ނެތް އެތައް މާލެ ރައްޔިތުންނެއް އެބަތިބި ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވެފައި މިވަނީ ޓްވިޓާގައި އަތޮޅުތެރޭގައި އުޅޭ ރައްޔިތުން މާލޭ ދަފްތަރުގައި ޖައްސާ މައްސަލާއާއި ގުޅޭ ގޮތުން ދިޔަ ހޫނުގަދަ ބަހުސެއްގެ ތެރެއިންނެވެ. އާންމު ރައްޔިތަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ މުނިސިޕަލްޓީ ދަފްތަރު ކިޔައިގެން ސަރުކާރުތަކުން އަތޮޅުތަކުގެ މީހުން އޭގައި ޖެއްސުމަކީ އަމިއްލަ ގައުމުގައި އެމީހުން "ރެފިއުޖީންނަށް" ހެދުން ކަމަށެވެ. އޭގެ އިތުރުން އެމީހާ ބުނެފައިވަނީ ދިރިއުޅޭތަން ފާހަގަ ކުރަން އެހެންގޮތެއް ހޯދަން އެބަ ޖެހޭ ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވީ، މާލޭގައި ގިނަ ބަޔަކު ދަފްތަރުގައި ޖެހިފައިވާ ކަމަށާއި އަދި ގެދޮރު ނެތި އެތައް މާލެ ރައްޔިތުންނެއް އެބަތިބި ކަމަށެވެ.

ތޮށްޖެހިފައިވާ މާލޭގައި ދިރިއުޅުމުގެ ދަތިކަން އިހްސާސް ނުކުރެވޭ މީހަކު މާލެ ފަސްގަނޑުގައި ނެތެވެ. މާލޭގައި ކިޔެވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިވާތީ އާއި ބޭސްފަރުވާއަށް އައިސް ދިރިއުޅޭ މީހުން މަދެއް ނޫނެވެ. މާލެ ތޮށްޖެހޭ ވާހަކަ ދެކޭވެ އިރު މާލޭގައި ތިބި މާލެ ރައްޔިތުންގެ ތެރެއިން ގެދޮރުނެތި ކުއްޔަށް އުޅޭ މީހުންވެސް މަދެއް ނޫނެވެ. މައިންބަފައިންގެ ގެދޮރު ވާރިސުންނަށް ބަހާލުމުންވެސް 6 ފުޓޫ 6 ފޫޓޫގެ ގޮޅިއެއްހާ ވަރުވެސް ލިބޭ ގޮތް ނުވެއެވެ. އެހެންކަމުން މިފަދަ މާލެ ރައްޔިތުންނަށް މި ޖެހެނީ ކުއްޔަށް އެމީހެއްގެ އާއިލާއާއި އެކު އުޅެން މަޖުބޫރުވެފައެވެ.

ދަފްތަރުގައި ގިނަ އަދަދެއްގެ މީހުން ޖެހިފައިވާ ކަމަށް ޝިފާ ވިދާޅުވެފައި ވާއިރު މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީން ވަނީ ފްލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށް ދަފްތަރުގައި ރަޖިސްޓާ ކުރެވިގެން ފޯމު ހުށެހެޅޭނެ ގޮތް ފަހިކޮށްދީފައެވެ. އެ ގޮތަށް ދަފްތަރުގައި ޖައްސައިގެން ފްލެޓަށް ފޯމު ހުށަހެޅުމަށް ހުޅުވާލުމުން އެތައް ދިވެހި ރައްޔިތުންނެއް ވަނީ ދަފްތަރުގައި ޖެހިފައެވެ.