ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ރައީސްގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ބައްލަވާލައްވައިފިއެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސްގައި މިއަދު ކުރިޔަށްގެންދާ ހަރަކާތްތައް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ފެކަލްޓީގެ ދަރިވަރުން ބަހައްޓާފައި ހުރި މައުލޫމާތު ދޭ ޑެސްކްތަކަށް ޒިޔާރަތްކުރައްވައި އެކަމަނާ މައުލޫމާތު ހޯއްދަވާފައި ވެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ފެކަލްޓީ އޮފް ހެލްތް ސައިންސް އިން ކުރިޔަށްގެންދާ މި ހަރަކާތަކީ އެ ފެކަލްޓީގެ ޑިޕާޓްމަންޓް އޮފް ވެލްނަސްގެ މުވައްޒަފުންނާއި އެ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ކޯސްތަކުގެ ދަރިވަރުން އިސްނަގައިގެން ބާއްވާ ހަރަކާތްތަކެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި "މަގޭ ސިކުނޑީ ތެރޭ" ގެ ނަމުގައި ވަނީ އެގްޒިބިޝަނެއް ބާއްވާފައެވެ ނަފްސާނީ ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންނަށް އެހީތެރިވުމަށް ހިތްވަރުދޭ "ބީ ކައިންޑް" މޫވްމަންޓް އިފްތިތާހު ކުރުމަށް ނެޝަނަލް އާޓް ގެލެރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަ، މެންޓަލް ހެލްތު ސެންޓަރު ގާއިމްކުރުމާއެކު އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވާ، ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، ކުރިއަށް އޮތް މަސައްކަތަކީ އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ހިދުމަތް ފޯރުކޮށްދޭ ތެރަޕިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ. އަދި ނަފްސާނީ ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންނަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ހެލްޕް ލައިނެއް ގާއިމްކުރުމަކީ ޒުވާނުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ.