މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލައިގެން ނުފުދޭނެ ކަމަށާއި އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރު ކުރަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އަދި ޕީއެންސީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީނަށް ދިން ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީއެންގެ މައްސަލައަކީ މުޅި ގައުމުގައިވެސް އޮތް އެންމެ ހައްސާސް މައްސަލަ ކަމަށެވެ.
"މިއަށް ވުރެން މުހިއްމު އެއްވެސް ކަމެއް މިވަގުތު މި ގައުމުގަ އޮވެގެނެއް ނުވާނެ. އެމީހުން ހިފާ ހައްޔަރުކޮށް ތަހުގީގުކުރުމަށް ވުރެން މުހިއްމު އެއްވެސްކަމެއް މި ގައުމުގަ އޮވެގެން ނުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ސަރުކާރެއް އޮތް ކަމުގައިވީ ނަމަވެސް ގޯސް ކަމެއް ވާނީ ގޯސް ކަމަކަށްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިކުމެގެން އުޅުނީ މިހާރު ނިކުމެގެން އުޅޭ ރިޕޯޓެއް ނޫން ކަމަށެވެ. މިހާރު އެމްޑީއެންއިން ނެރެގެން އުޅޭ ރިޕޯޓުގައި މިހުރީ މުޅިން އާ ކަންތައްތަކެއް ހިމަނާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި ސަރުކާރަށް ކުރަން އިނގޭ ކަމަކީ މި މީހުންނަށް އަންނަ ކޮންމެ ކަމެއް ކުރީގެ ސަރުކާރުގެ ބޮލުގައި އަޅުވައިގެން ސަލާމަތްވުން. އެހެން ނަހައްދަވާށޭ. ޒިންމާދާރު ކަމާއެކުގަ މިކަން ކުރައްވާ" އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަމަ އިސްލާމްދީނަށް ފާޅުގައި އެއްވެސް ފަރާތަކަށް ފުރައްސާރަ ކުރަން ނުކެރޭނެ ކަމަށެވެ. ފާޅުކަން ބޮޑު ގޮތެއްގައި އެފަދަ ކަމެއް ކުރާ ކަމަށް ވާނަމަ "ޖަލަށް" ލާނަން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އިދިކޮޅުގެ ވެރިކަމަގެއްގައި އެ ލެވެލްއަށް ދީން ހިމާޔަތް ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.