ދ ކުޑަހުވަދޫ ބީޗް ކްރޫޒް އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ތިޖޫރީއެއް ފަޅާލަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ކުޑަހުވަދޫގައި ހުންނަ ބީޗް ކްރޫޒް އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ، ތިޖޫރީއެއް ފަޅާލައި، ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި 43 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން އޮފީހަށް ވަދެވުނު ނަމަވެސް ތިޖޫރީ ފަޅާލެވިފައި ނުވާތީ އެއްވެސް ރުފިޔާއެއް ނެގިފައި ނުވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން މި މީހާ ހައްޔަރު ކޮށްފައި ވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުނެވެ.

ފުލުހުން ވަނީ އާންމުންގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަން ފަށާފައެވެ. ނަމަވެސް މިފަހަކަށް އައިސް ވައްކަމާ ފޭރުމުގެ މައްސަލަތައް ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އިތުރު ވެފައެވެ. އެގޮތުން މީގެ ހަތަރުމަސް ކުރިން ދ ކުޑަހުވަދޫ "މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ" (މީރާ) އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފައި ވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.