އިނގިރޭސިވިލާތުގެ މަޝްހޫރު ކެރްކެޓާ ތަކެއް ކަމަށްވާ ހެރީ ޕޮޓާއާއި، ޝާލޮކް ހޯމްސް އަދި ޑޮކްޓާ ހޫގެ އެކި ރޯލުތަކުން ފެނުނު ބައެއް ތަރިން، ކެންސަރާ ދެކޮޅަށް ހިންގާ ވަރުގަދަ ކެމްޕޭނެއްގައި ބައިވެރިވެއްޖެއެވެ.

ހެރީ ޕޮޓާ ފްރެންޗައިޒްގައި ޑްރާކޯ މެލްފޯއީގެ ރޯލު އަދާކުރި ޓޮމް ފެލްޓަންއާއި، ޑޮކްޓާ ހޫއިން ފެނިގެންދިޔަ ނޯއެލް ކްލާކްގެ އިތުރުން، ޝާލޮކް ހޯމްސް ސީރީޒްގައި ޑޮކްޓާ ޖޯން ވޮޓްސަންގެ ރޯލު އަދާކުރި މާޓިން ފްރީމަން ވަނީ އިނގިރޭސިވިލާތުގެ ޗެނަލް ފޯއާއި ކެންސާ ރިސާޗް ޔޫކޭ ހިންގާ ގުޅިގެން ކެމްޕޭންގެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

"ސްޓޭންޑް އަޕް ޓު ކެންސާ"ގެ ނަމުގައި އާންމު ކޮށްފައިވާ މި ކުރު ފިލްމުގައި، މަޝްހޫރޫ ސީރީޒް ގޭމް އޮފް ތްރޯންސް ފަދަ އުފެއްދުންތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ތަރިންވެސް މަސައްކަތް ކޮށްފައި ވެއެވެ.

މިހިނގާ އޮކްޓޯބަރު މަހަކީ އުރުމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެކެވެ. މިކަމާ ގުޅިގެން، ގިނަ ތަރިންތަކެއް ދަނީ މީހުން ހޭލުންތެރި ކުރުވުމަށް ތަފާތު އެކި ހަރަކަތްތައް ހިންގަމުންނެވެ.