ޖިންސީ ގޯނާގެ ތުހުމަތުގައި ގައުމީ ކްރިކެޓް ކޯޗު އާސިފް ހާންގެ މައްސަލަ ތަހުގީގު ކުރިއަށް ދާތީ އެ ވާހަކަ މީޑިއާގައި ނުދައްކަވަން ނިންމަވާފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫޕް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ ކްރިކެޓް ކޯޗުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުދިންނަށް އިންސާފް ހޯއްދަވައިދެއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ. އިއްޔެއާއި މިއަދުވެސް ބެލެނިވެރިންނާއި ކްރިކެޓް ބޯޑާއެކު ބައްދަލު ކުރައްވާފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މިހާރު ގައުމީ ކްރިކެޓް ކޯޗުގެ މައްސަލަ ތަހުގީގު ކުރިއަށް ދާތީ އެ ވާހަކަތައް މީޑިއާގައި ނުދެއްކެވުމަށް ނިންމަވާފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މި މައްސަލައަކީ ގައުމީ ޓީމެއްގެ ކޯޗަކާ ގުޅޭ މައްސަލައެއް ކަމުގައި ވިޔަސް މިއީ ޖިނާއީ މައްސަލައެއް ކަމުން މިކަން ތަހުގީގު ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޮލިސް ސާވިސުން ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރި އާސިފް ހާންއަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރި އިރު އޭނާ ހައްޔަރު ކުރިތާ 24 ގަޑި އިރު ހަމަވެފައި ވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. 30 ދުވަސް ވަންދެން ފުރުން މަނާކޮށްފައި އޭނާ އަދިވެސް ހުރީ ރާއްޖޭގައެވެ.

ޖިންސީ ފުރައްސާރަކުރި ގައުމީ ކްރިކެޓް ކޯޗް އާސިފް ހާން

މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 46 އަހަރުގެ އާސިފަކީ ފާކިސްތާނަށް އުފަން، ސައުތް އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް ކަމަށާއި، އޭނާ ކޯޓަށް ހާޒިރު ކުރުމުގައި ގަޑި ފަހަނައަޅާ ދާން ދިމާވި ސަބަބު ދެނެގަތުމަށް އިދާރީގޮތުން ބަލަމުންދާ ކަމަށެވެ.