މިއަދު ކްރިމިނަލް ކޯޓުކައިރީގައި ކުރި މުޒާހަރާގައި 38 އަހަރުގެ އަންހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ކްރިމިނަލް ކޯޓު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާދިން ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އަންހެންމީހާ އަކީ އުމުރުން 38 އަހަރުގެ އަނަހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ޢެއީ ޕީޕީއެމް އެކްޓިވިސްޓު ޝަމްޒީނާއެވެ. މި ކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ އެފަރާތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އެ ސަރަހައްދުގައި ޔާމީންގެ ސަޕޯޓަރުން އެއްވެ ކުރަމުންދިޔަ މުޒާހަރާ ވަނީ ހޫނުވެފައެވެ. ކްރިމިނަލް ކޯޓުގެ ކުރި މައްޗަށް ވާގޮތަށް އޮތް ދުވާރު މަތީގައި އެތައް ބަޔަކު އެއްވެގެން ތިބީ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދި އެފަދަ ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެންނެވެ.
އެ ސަރަހައްދުގައި ގިނަ ބަޔަކު އަޑުގަދަކޮށް ރައީސް ޔާމީނަށް ކުރަމުން ދަނީ ސީޔާސީ ދައުވާ އެއް ކަމަށާ އެ ދައުވާ ހުއްޓުވުމަށް ގޮވާލާ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް ގޮވާލަމުން ދިޔައެވެ. އިހްތިޖާޖު ކުރަމުން ދިޔަ ސަރަހައްދަށް އެސްއޯ ފުލުހުންނާއި ޓްރެފިކް ފުލުހުން ގޮސް އިހްތިޖާޖުގެ ބައިވެރިން ގާތު އަޑު މަޑުކުރުމަށް ވަނީ އެދިފައެވެ. އަދި އެމީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށްވެސް ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ.
ދުވާރު މަތީ ތިބި މީހުން ނުތެދުވެ ތިބުމުން ފުލުހުން ވަނީ އެތާ ތިބި މީހުން އަތުގައި ހިފާ ކޮޅަށް ނަގައި މީހުން ފަހަތަށް ޖައްސަން މަސައްކަތް ކޮށްފައެވެ. އެކަމާ ގިނަ ބަޔަކު ދެކޮޅު ހެދުމުން ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ފަހަތަށް ޖައްސަން ފަށާފައެވެ. މިކަމާ ޔާމީންގެ ސްޕޯޓަރުން ނުރުހުންވެ އެހެން ނުހެދޭނެކަމަށް ބުނެ ގަދަހަދަން މަސައްކަތް ކޮށްފައި ވެއެވެ.
މުޒާހަރާ ހޫނުވެ، ބައިވެރިން ފުލުހުންގެ ގަޔަށް އަތްލައިފައި ވާކަމަށް "ދަ ޕްރެސް" ގެ ނޫސްވެރިއާ މައުލޫމާތު ދިނެވެ.
ޝަރީއަތް ނިމުމާއެކު މުޒާހަރާވަނީ ނިންމާލާފައެވެ. މިއަދުގެ ޝަރީއަތް ނިންމާލާފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީނަށް ހުކުމް ކުރުން އަންނަ ނޮވެމްބަރު 5 ވަނަ ދުވަހުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.