އަބްދުﷲ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު އެ ސަރަހައްދުގައި ޔާމީންގެ ސަޕޯޓަރުން އެއްވެ ކުރަމުންދާ މުޒާހަރާ ހޫނުވެއްޖެއެވެ.
މިއަދު ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުން ކުރިއަށް ދާ އިރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އިހްތިޖާޖު ކުރަމުން އެބަ ދެއެވެ. ކްރިމިނަލް ކޯޓުގެ ކުރި މައްޗަށް ވާގޮތަށް ހުރި ދުވާރު މަތީގައި އެތައް ބަޔަކު އެއްވެގެން ތިބީ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދި އެފަދަ ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެންނެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން ގޮވާލަމުން ދަނީ ރައީސް ޔާމީނަށް ސިޔާސީ ދައުވާ ނުކުރުމަށެވެ. މި ސަރަހައްދުގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ބައިވެރިވެފައެވެ.
އެ ސަރަހައްދުގައި ގިނަ ބަޔަކު އަޑުގަދަކޮށް ރައީސް ޔާމީނަށް ކުރަމުން ދާ ސީޔާސީ ދައުވާ ހުއްޓުވުމަށް ގޮވާލާ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް ގޮވާލަމުން ދެއެވެ. އިހްތިޖާޖު ކުރަމުން ދިޔަ ސަރަހައްދަށް އެސްއޯ ފުލުހުންނާއި ޓްރެފިކް ފުލުހުން އައިސް އިހްތިޖާޖުގެ ބައިވެރިން ގާތު އަޑު މަޑުކުރަުމަށް ވަނީ އެދިފައެވެ. އަދި އެމީޙުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށްވެސް ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ.
ދުވާރު މަތީ ތިބި މީހުން ނެތެދުވެ ތިބުމުން ފުލުހުން ވަނީ އެތާ ތިބި މީހުން އަތުގައި ހިފާ ކޮޅަށް ނަގައި މީހުން ފަހަތަށް ޖައްސަން މަސައްކަތް ކޮށްފައެވެ. އެކަމާ ގިނަ ބަޔަކު ދެކޮޅު ހެދުމުން ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ފަހަތަށް ޖައްސަން ފަށާފައެވެ. މިކަމާ ޔާމީންގެ ސްޕޯޓަރުން ނުރުހުންވެ އެހެން ނުހެދޭނެކަމަށް ބުނެ ގަދަހަދަން މަސައްކަތް ކޮށްފައި ވެއެވެ.
މިހާރު މުޒާހަރާ ހޫނުވެ، ބައިވެރިން ދަނީ ފުލުހުން ގަޔަށް އަތްލަމުން ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ "ދަ ޕްރެސް" ގެ ނޫސްވެރިއާ މައުލޫމާތު ދެއެވެ. ސަރުކާރު އިސްތިއުފާ ދިނުމަށް ދަނީ އެ ސަރަހައްދަށް އެއްވެފައި ތިބި މީހުން ގޮވާލަމުންނެވެ.
ކްރިމިނަލް ކޯޓުގައި ހުލާސާ ބަޔާން އިއްވާ ނިމުމުން ލޯޔަރުން ކޯޓުން ނުކުންނަން ވާއިރަށް އިހްތިޖާޖު ކުރަން ތިބި މީހުން ވަނީ ދުރަށް ޖައްސާފައެވެ. އަދިވެސް އެ ސަރަހައްދުގައި އިހްތިޖާޖު ކުރަން ތިބި މީޙުން އެބަ ތިބި ނަމަވެސް ފުލުހުން ވަނީ ކުރިއަށް ނުދެވޭނެހެން ސަފު ހަދާލާފައެވެ.
އެ ސަރަހައްދުގައި އެއްވެފައި ތިބި މީޙުންވަނީ ހައި ކޯޓާ ހަމައަށް ޖައްސާފައެވެ. އަދިވެސް މުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދަކުރަމުންނެވެ. އެމީހުންގެ އަތުގައިވާ ބޯޑުތައް އުފުލައިގެން ޝުއޫރުތައް ދަނީ ފާޅު ކުރަމުންނެވެ.
ޝަރީއަތް ނިމުމާއެކު މުޒާހަރާވަނީ ނިންމާލާފައެވެ. މިއަދުގެ ޝަރީއަތް ނިންމާލާފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީނަށް ހުކުމް ކުރުން އަންނަ ނޮވެމްބަރު 5 ވަނަ ދުވަހުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.