ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ 13:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މާދަމައަށް ތާވަލު ކޮށްފައިވާ މި މައްސަލައިގެ އަޑުއެހުމުގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ، މިދިޔަ ސެޕްޓެމްބަރު ބަހު 25 ވަނަ ދުވަހެވެ. އެއީ މި މައްސަލައިގެ ފަސް ވަނަ އަޑުއެހުމެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ރައީސް ޔާމީން ވަނީ، ވޮޑުމުއްލާ ކުއްޔަށް ދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް ސާބިތުކޮށް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، އެސްއޯއެފުން ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލަން އެމަނިކުފާނު ކުރެއްވި ކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ކިތާބީ ހެކި ހުށަހަޅާފައެވެ. އެގޮތުން، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ރައީސް ޔާމީން ފުލުހުންނަށް ދެއްވާފައިވާ ބަޔާނާއި، އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓް ހުޅުވަން އޭސީސީ އާއި ރައީސް ޔާމީން އާ ދެމެދު ހަދާފައިވާ އެއްބަސްވުން ހިމެނެއެވެ.