ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 'ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު' މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުން މިމ ބިލު ފާސްކޮށްފައިވާއިރު، މި ބިލު ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. މި ބިލަކީ ބޮޑެތި ހިޔާނާތްތަކާ ކޮރަޕްޝަންތަކާ މައުލޫމާތު ތަހުގީގީ އިދާރާތަކާ ހިއްސާ ކުރާ މީހުންނަށް ރައްކާތެރިކަން ދިނުމަށް ހުށަހަޅާފައިވާ ބިކެވެ.

މި ބިލު ފާސްކޮށްފައި ވަނީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހާ އެކުއެވެ. އެގޮތުން، އިލްޔާސް ހުށަހެޅުއްވި އިސްލާހަކީ، ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމުގެ ކުރިން ވިސްލްބްލޯ ކޮށްފައިވާ ފަރާތްތަކަށް އެ ގާނޫނު ނުހިނގާނެ ކަމަށާއި، ނަމަވެސް ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ވިސްލްބްލޯ ކުރުމަށް އެ ގާނޫނު ހުރަހެއް ނާޅާނެ ކަމަށެވެ.

މިފަދަ ގާނޫނެއް އެކުލަވައިލުމުގެ މަގްސަދަކީ، ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި ވިސްލްބްލޯ ކުރުމަށް ބާރު އެޅުމާއި، ވިސްލްބްލޯއިން ލިބޭ މައުލޫމާތުން ފުރިހަމަ ތަހުގީގެއް ކުރުމާއި، ވިސްލްބްލޯ ކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަމެއް ދިނުމާއި، ދައުލަުގެ އިދާރާތަކުގެ މުވައްޒަފުންގެ ކިބައިގައި ފުރިހަމަ ނަޒާހާތްތެރި ސަގާފަތެއް އެކުލަވައިލުމާއި، މި ގާނޫނުގެ ދަށުން ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ހައްގުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުންކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނު އެކުލަވައިލެވުމާއެކު އާންމުންގެ ފަރާތްތަކަށާއި، ސަރުކާރުގެ މުވައްސަސާތަކުގެ ފަރާތްތަކުންނާއި އަދި އެހެނިހެން ގާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ފަރާތްތަކަށްވެސް ވިސްލްބްލޯ ކުރެވިދާނެއެވެ. ވިސްލްބްލޯ ކުރާ މީހުންނަށް ރައްކާތެރިކަމާއި ހިމާޔަތްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.