އީ-ސިނގިރޭޓް ބުއިން ނުވަތަ ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއާއި ބްލެޑާއަށް ކެންސަރުޖެހޭކަން ސާބިތުކޮށްދޭ ފުރަތަމަ ދިރާސާ އާންމުކޮށްފިއެވެ.

ނިއު ޔޯކް ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ ދިރާސާއަކީ ވޭޕްކުރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ސިއްހީ މައްސަލަތައް ދެނެގަތުމަށް، މީދާތަކެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެއް ނަމަވެސް މިއީ ވޭޕްކުރުމުގެ ނުރައްކާ ބެލުމަށް ކުރިއަށް ގެންދިޔަ ފުރަތަމަ ދިރާސާއެވެ.

ދިރާސާގެ ނަތީޖާއަށް ބަލާއިރު ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއާއި ބްލެޑާއަށް ކެންސަރު ޖެހޭކަމަށް ދައްކާފައިވާއިރު، އިންސާނުންނަށްވެސް މިއީ ނުރައްކާތެރި ކަމެއް ކަމަށް ދިރާސާ ޓީމުންވަނީ ނިންމާފައެވެ.

ދިރާސާގެ ލީޑަރެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވި މޫން-ޝޯންގް ޓޭންގް ބުނީ، އީ-ސިނގިރޭޓަކީ ދިގު މުއްދަތަކަށް ބަލާއިރު ނުރަނގަޅު އެތައް ޚަބަރެއް ދޭނެ އެއްޗެއް ކަމަށެވެ.

ކަމާބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ވޭޕް ކުރުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރިމަތިވާ ސީދާ ނުރައްކާތަކާ ގުޅޭ ފުޅާދާއިރާގެ ދިރާސާތަކުގެ ނަތީޖާ ލިބޭވަރުވާނީ އަދި 10 ވަރަކަށް އަހަރު ފަހުންނެވެ.

ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތްއިން ފަންޑުކޮށްގެން ނިއު ޔޯކް ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ ދިރާސާ އާންމުކޮށް ފައިވަނީ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސްގެ ބައްދަލުވުމެއްގައެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް މޮލެކިއުލާ ސައެންސަސްގައި މިއަހަރުގެ ފެބުރުވަރީ މަހު އާންމުކުރި ދިރާސާއެއްގައިވެސް މިފަދަ ވާހަކަތަކެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އީސިނގިރޭޓް ބޭނުންކުރާ ފަރާތްތަކުގެ ހަށިގަނޑުން، ސިނގިރޭޓް ބޯ މީހުންގެ ހަށިގަނޑުން ފެންނަ ޒާތުގެ ކެންސަރުގެ އަލާމާތްތަކެއް ފެނިފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިދަނޑިވަޅަކީ، ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ނުރައްކާތެރި ބައްޔެއް ޖެހި، އެބަލީގައި ގިނަ ބަޔަކު މި ދުނިޔެ ދޫކުރާ ކަމުގެ ޚަބަރުތައް ފެންމަތިވެ، ސިއްހީ ތަޖުރިބާކާރުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެކެވެ. ވޭޕް ކުރުމަކީ، މިއަދު ދިވެހިރާއްޖޭގެ ޒުވާނުންނާ ފުރާވަރު އުމުރުގެ ކުދިންގެ މެދުގައިވެސް މަގުބޫލުކަމަކަށް ވެގެން ކުރަމުން އަންނަ، ސިއްހީ ގޮތުން ގެއްލުން ބޮޑު އިސްތިއުމާލެކެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުންވަނީ ވޭޕްކުރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ބަލީގެ ހަގީގަތް މުޅިން ދެނެގަނެވެންދެކަށް ވޭޕްކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އަށްވުރެ ގިނަ ގައުމުންވަނީ ވޭޕްކުރުން މަނާކޮށްފައެވެ.