އިންޑިއާއާއެކު އެކުލަވާލި ފެން ހިއްސާކުރުމުގެ އެއްބަސްވުމާއި ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރަށް ފާޑުކިއުންތަކެއް އަމާޒުކުރި ޔުނިވާސިޓީ ދަރިވަރަށް އަނިޔާކޮށް މަރާލި މައްސަލާގައި، ބަންގްލަދޭޝްގައި ކިޔަވަމުންދާ ދަރިވަރުން ބޮޑު މުޒާހަރާއެއް ކުރަން ފަށައިފިއެވެ.

ދަރިވަރު މަރާލާފައިވަނީ، އިންޑިއާއާއި ބަންގްލަދޭޝް ހިއްސާކުރާ ސަރަހައްދުގައި އޮންނަ ކޯރަކުން ފެން ނެގުމުގެ ހުއްދަ އިންޑިއާއަށް ލިބޭގޮތަށް އެކުލަވާލި އެއްބަސްވުމަށް ފާޑުކިއުންތަކެއް އަމާޒުކޮށް، އޭނާގެ ފޭސްބުކް އެކައުންޓްގައި ޕޯސްޓެއް އާންމުކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ބަންގްލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީގައި އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރަމުންދިޔަ އަބްރާރް ފަހަދުގެ ގައިގައި ތަޅާ އަނިޔާކޮށް މަރާލީ، ބަންގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ކަމަށް ބަންގްލަދޭޝްގެ ދަރިވަރުން ދަނީ ތުހުމަތުކުރަމުންނެވެ.

ތަޅާ، އަނިޔާކޮށް މަރާލާފައިވާ ފަހަދުގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ތައުލީމު ހާސިލުކުރަމުން ދިޔަ ޔުނިވާސީޓީގެ ޑޯމް ތެރެއިންނެވެ.

ބަންގްލަދޭޝް ފުލުހުންގެ އިސްވެރިއަކު ވަނީ، ވެރިކަން ކުރާ ޕާޓީގެ އެކްޓިވިސްޓުންތަކެއް އިތުރު ތަހުގީގަށް ސުވާލުކުރުމަށް ހައްޔަރު ކޮށްފައި ވާކަންވެސް ކަށަވަރު ކޮށްދެއްވާފައެވެ.

ޚަބަރު ލިބޭ ގޮތުތުގައި، ސީސީޓީވީ ފުޓޭޖުގެ އެހީގައި އެ ޑޯމްއިން ފާހަގަކުރެވުނު 9 މީހަކުވަނީ ހައްޔަރުކޮށްފައެވެ.

ފަހަދުގެ ބައްޕަދަނީ އެމީހުންނާ ދެކޮޅަށް، ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ކުރަމުންނެވެ.

ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުން މަގުތަކަށް ނިކުމެ، ކުރަމުންދާ މުޒާހަރާއާއި ގުޅިގެން ހޯމަ ދުވަހުވެސް ވެރިރަށް ޑާކާގެ ބައެއް މަގުތައް ވަނީ ބަންދުކުރަންޖެހިފައެވެ. ޚަބަރު ލިބޭ ގޮތުގައި ބައެއް ޓީޗަރުންވެސް ވަނީ މުޒާހަރާތަކާ ގުޅިފައެވެ.