ސީޔާސީ ލީޑަރުން ނުވަތަ ގައުމުގެ އިސްވެރިޔާގެ މަގާމު ފުރުއްވާ ބޭފުޅުންގެ ފަރާތްޕުޅުން ގިނައިން މީހުންނަށް ފެނިގެން ދަނީ ވާހަކަ ދެއްކުމުގެ ހުނަރެވެ. ކަންކަމުގައި އެބޭފުޅުން އަޅުއްވާ ފިޔަވަޅުތަކާއި ކަމެއް ދިމާވުމުން ގޮތް ނިންމެވުމުގައި އެ ބޭފުޅުންނަކީ ނަމޫނާ ބޭފުޅުންނެވެ. މިފަދަ ބޭފުޅުންގެ ތަސައްވުރުގެ އަލީގައި ގައުމެއްގައި ތިބޭ ބަޔަކު ގޮވައިގެން އެތައް ކަމެއް ހާސިލް ކުރެއްވުމަށް ދަތުރު ފައްޓަވައެވެ.

ކޮންމެ މީހަކަށް ބަލާލިކަމުގައި ވިޔަސް އެމީހެއްގެ ކިބައިގައި ތަފާތު ހުނަރެއް ހުންނަ ކަން ފާހަގަކުރެވެއެވެ. އެއްބަޔަކަށް ތަސްވީރުން ވާހަކަ ކިޔައިދިނުމުގެ ހުނަރު ލިބިފައި ވާއިރު އަނެއް ބަޔަކު ލިޔުމުން ވާހަކަ ކިޔައިދިނުމުގެ ހުނަރު ލިބިފައި ވެއެވެ. އަތްތެރި މަސައްކަތަށް މޮޅު މީހުން އުޅޭ އިރު އަނެއް ބަޔަަކީ ކުޅިވަރުގެ ހުނަރު ލިބިފައިވާ މީހުންނެވެ.

މިފަދައިން ފޮރުވިފައި ހުންނަ ހާއްސަ ހުނަރުތައް އަހަރެމެންގެ މި ކުޑަ ދިވެހިރާއްޖޭގެ ލީޑަރުންގެ ކިބައިގައިވެސް ހުންނާނެ ކަމީ ޝައްކު އުފެދޭނެ ކަމެއް ނޫނެވެ. ސިޔާސީ މަސްރަހުން ބޭރުގައިވެސް އެބޭފުޅުންގެ ތަފާތު ހުނަރުތަކެއް ހުންނާނެ ކަން ކަށަވަރެވެ.

ރައީސް ސޯލިހްގެ ފޮޓޯގްރަފީ!

އޭގެތެރެއިން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިފައިވާ ހުނަރަކީވެސް ތަފާތު ހުނަރެކެވެ. އެމަނިކުފާނަކީ ފޮޓޯ ނެންގެވުމަށް ލޯބިކުރައްވާ ބޭފުޅެއް ކަން އާންމުންނަށް އެނގިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައި އެމަނިކުފާނު ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހުއެވެ. އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހް ބައިވެރިވެވަޑައިގެން އެތައް ހަފްލާއެއްގައި އެމަނިކުފާނު ފޯނުން ސެލްފީ ނަންގަވާ މަންޒަރަކީ ސޯޝަލް މީޑިއާގައި އޭރު ގުގުމަމުން ދިޔަ ވާހަކައެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަޕޯޓަރުންނާއެކީ ސެލްފީއެއް ނަގާ މަންޒަރު

ރައީސް ސޯލިހް ވިދާޅުވާ ގޮތުގައި ހޮބީއެއްގެ ގޮތުގައި އެންމެ ކުރައްވާ ހިތްޕުޅުވާކަމަކީ ފޮޓޯ ނެންގެވުމެވެ. މި ޝައުގު ފެށިފައިވާ ހިސާބު ވިދާޅުވެ ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، ސްކޫލްގައި އުޅުއްވި ދުވަސްވަރު ވެސް އަތްޕުޅަށް ހެޔޮވަރު، އޭރުގެ ގޮތުން ބަލާއިރު ރަނގަޅު ކެމެރާއެއް ގެންގުޅުއްވި ކަމަށެވެ. ފޮޓޯ ނެންގެވުމަށް ޝައުގުވެރިކަން ހުންނާތީ ރައީސް ސޯލިހް ވަނީ ޕްރޮފެޝަނަލް ފޮޓޯގްރަފީ ކޯހެއްވެސް ފުރިހަމަކުރައްވާފައެވެ. އަދި މީގެ އިތުރުން ރައީސް ސޯލިހްގެ ފޮޓޯ ނެންގެވުމުގެ ހުނަރު އިންސްޓަގްރާމްގައި އެމަނިކުފާނުގެ ޕާސަނަލް އެކައުންޓުން ވެސް ފާހަގަވެގެން ދެއެވެ. ރައިސް ސޯލިހު ވިދަޅުވެފައިވަނީ ރައީސްކަމާ ހަމައަށް 60،000 އަށް ވުރެ ގިނަ ސެލްފީ ނެންގެވި ކަމަށެވެ.

https://www.facebook.com/100000004050760/videos/2774665622543546/

ރައީސް ޔާމީންގެ ލަވަ ވިދާޅުވުމުގެ ހުނަރު!

ދިވެހި ސަރުކާރުގެ ނިމިދިޔަ ދައުރުގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަކީ އެމަނިކުފާނުގެ ފަރާތްޕުޅުން މިފަދަ ހުނަރެއް ފެނުން ވަރަށް ދުރު ބޭފޫޅެއް ކަމަށް ގިނަ މީހުން ދެކެއެވެ. ނަމަވެސް ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުނަރާ ބެހޭ ގޮތުން އެތައް ބަޔަކު އާޝޯހް ކޮށްލިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފައިލް ފޮޓޯ: ދަ ޕްރެސް

ރައީސް ޔާމީން ވަނީ ސިޔާސީ ވާހަކަފުޅެއް ދެއްކެވުމުގެ ތެރޭގައި މޭނާ ހައްސާންގެ ލަވައެއް ކަމަށްވާ "ވަގުތު ނެތޭ ވަގުތު ނެތޭ" މިލަވައިގެ ރާގަށް ސިޔާސީ ވާހަކައެއް ވިދާޅުފައެވެ. ސިޔާސީ ގޮތުން ދައްކަވަމުން ގެންދެވި ވާހަކަފުޅާ ގުޅުވާލައްވާފައި މަޒާޖީ ގޮތަކަށް އެލަވައިން ބައިތެއް ކިޔުއްވިއެވެ.

"ބަޖެޓް ނެތޭ، ބަޖެޓް ނެތޭ" މިހެން ބަސްފުޅު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ލަވަކިއުއްވި ކުރު ވީޑިއޯ ކޮޅު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ. މިއީ ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ ފަރާތުން ފެނިގެން ދިޔަ ތަފާތު ހުނަރެކެވެ.

https://www.facebook.com/TheRoboMan/videos/430368304187084/

ރައީސް ނަޝީދުގެ ނެއްޓެވުން!

މަޖިލީހުގެ ރައީސްކަން މިހާރު ކުރައްވަމުން ގެންދަވާ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ސިޔާސަ ބޭފުޅެކޭ ބުނެވިދާނެއެވެ. މީހުންނާ ގުޅޭ މިޒާޖެއް ގެންގުޅުއްވާ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ތަފާތު ހުނަރެއް ފެނި އެކަމަށް އެތައް ބައެއްގެ ފާޑުކިއުންވެސް އަމާޒުވެފައެވެ. ރައީސް ނަޝީދަކީ ބޮޑުބެރަށް ނެއްޓުވުމުގެ ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ.

ރައީސް މުހައްމަދު ނަޝީދު ބޮޑުބެރަށް ނައްޓަވަނީ

ބޮޑު ބެރު ޖެހުމުން އެމަނިކުފާނު އަތްޕުޅު ޖައްސަވާ ނައްޓަވާތަން ފެންނަ އެތައް ވީޑިއޯއަކާއި ފޮޓޯތަކެއް ވަނީ ވައިރަލް ވެފައެވެ. މިކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ނަމަވެސް އެކަމާ މެދު ނަޝީދު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މިއީވެސް ރައީސް ކަން ކުރައްވާ ލީޑަރުންގެ ފަރާތުން ފެނިގެންދާނެ ތަފާތު ހުނަރެކެވެ.

ރައީސް މައުމޫން: ކްރިކެޓްގެ ހުނަރު!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ރާއްޖޭގެ ކްރިކެޓަށް އަގުހުރި މަސައްކަތް ތަކެއް ކޮށްދެއްވާފައެވެ. އެގޮތުން މިދިޔަ އަހަރު އެމަނިކުފާނު ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިލާން ކްރިކެޓް އެކަޑަމީން ރަން މެޑަލަކާއި ހަނދާނީ ފިލައެއް އެމަނިކުފާނަށް ދިނެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމް ކްރިކެޓް ކުޅޭ ބެޓެއް ހިއްޕަވައިގެން

ހޮބީއެއްގެ ގޮތުގައި އެމަނިކުފާނު ކްރިކެޓް ވަރަށް ގިނައިން ކުޅުއްވައެވެ. ކުރީގައި ރައްޔިތުންގެ މަޖިލިސް ހުޅުވަން ކުޅުނު ޝަރަފްވެރި ކްރިކެޓް މެޗުތަކުގައި އެމަނިކުފާނު ކުޅުއްވުން ވަނީ އާންމުންނަށް ފެނިފައެވެ.

ލީޑަރުންނަށް ލިބިވަޑައިގެންފައިވާ މިފަދަ ހުނަރުތަކާ މެދު ވާހަކަ މިއަދު ދެކެވޭ އިރު އަދި އާންމުންނަށް ނޭނގޭ އެތައް ކަމެއް ހުންނާނެކަން ކަށަވަރެވެ. އެބޭފުޅުންގެ ސިޔާސީ ހަޔާތްޕުޅުގެ ފަހަތުގައި އާންމުންނަށް ނޭނގޭ ކިތަންމެ ކަމެއް ހުންނާނެއެވެ.