ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފިއެވެ.
ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެފައި ވަނީ، ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމަށެވެ. އެގޮތުން މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެނާ ވިދާޅުވިއެވެ.
މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޭންކުން ކުރިޔަށް ގެންދާ 'އަަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން 2017 ވަނަ އަހަރު ފެށުނު މި ޕްރޮގްރާމްގެ ދަށުން ވަނީ ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމަށް ދަތި، ނުކުޅެދުންތެރިކަން ހުންނަ 76 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައެވެ.