150 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރު ކުރި ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވާ އިރު މި މަސްތުވާތަކެއްޗަކީ ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަން އެނގިއްޖެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ބޭރުގެ ބޯޓު ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން ކަމަށެވެ. އެއީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދެވެ.
އެމްއެންޑީއެފުން ބުނީ، މި ބޯޓު މަސްތުވާތަކެތި ހިފައިގެން އެ ސަރަހައްދުގައި އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. ހަމައެއާއެކު އެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރާއްޖޭގެ އުޅަނދަކަށް އެ ސަރަހައްދުގައި އުޅުނީ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޯސްޓްގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ދޯނި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އުޅަނދު މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ބޭރުގެ އެ އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާ ކަމަށް އެމް އެންޑީއެފުން ބުނާއިރު، އެ އުޅަނދުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. އަދި އެ އުޅަނދުގެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނެވުނު ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ. ކޯސްޓްގާޑުންނާއި ފުލުހުން އެ ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ. އަދި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މޭލާ ނޯޓިކަލް މޭލާ ހުރި ފަރަގު ގޫގުލްގަ ޖަހާލިއަސް އެގޭނެ މިހާރު