މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސަށް ވާހަކަ ދައްކަވަމުން ހުރިހާ މެންބަރުންވެސް ވަނީ އެމްޑީއެން ކުށްވެރިކޮށްފައެވެ. ޢެއީ 2015 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.

މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، މި ސަރުކާރަކީ އިސްލާމް ދީން ހިމާޔަތްކުރަން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި ދީނީ އަގީދާ ވަރުގަދަކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް / ފޮޓޯ: މަޖިލިސް

އެމްޑީއެންގެ ރިޕޯޓާ މެދު ވާހަކަ ދައްކަވަމުން ސަލީމް ވަނީ މި ކަމުގައި އިހްމާލުވި ފަރާތްތައް ހޯއްދަވާ އެކަމުގައި އިހުމާލުވީ ފަރާތްތަކަށް އަޅަންޖޭހޭ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، މިއަދަކީ ހެވިފައި އަތް ޖަހަން ތިބެންވީ ދުވަހެއް ނޫންކަމަށާއި މިއަދު އެއަށް ވުރެ ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް އޮތްކަމަށެވެ. ޖަމިއްޔާތައް ހެދުމުގެ ގާނޫނުގައި ބުނެފައިވާ އިސްލާމީ އަސްލަކާ ހިލާފުވާނަމަ އެ ޖަމިއްޔާއެއް އުވާލަން ޖެހޭނެ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަދުލްޤަފޫރު މޫސާ ވިދާޅުވީ، އެ ރިޕޯޓު ނެރެފައި މައާފަށް އެދުމަކުން ނިމުނީކީ ނޫން ކަމަށާއި އެކަން ކުރި ފަރާތްތަކާ މެދު ގާނޫނުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އަދި މި ސަރުކާރުން މިކަން ކުރާނެކަމަށް ޔަގީންކަން އެބަ އޮތް ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު / ފޮޓޯ: މަޖިލިސް

މީގެ އިތުރުން، ވައިކަރަދޫ ދާއިރާ މެންބަރު ޒިޔާދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތަކަކީ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށާއި އެ ރިޕޯޓު ހަރުކަށި އިބާރަތުން ކުށްވެރިކުރާ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ، ދީން ހަތިޔާރަކަށް ހަދައިގެން މި ގައުމުގެ ޖީލު ފަނާކޮށްލަން އެދިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން ދީނާ ހިލާފުވާ ކަހަލަ ވާހަކަ ދެއްކުމުން ލޭ ހޫނުވާނެކަމަށާއި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި، އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.