އެމްޑީޕީއަށް ނިސްބަތްވާ މީހުންނާ ދިމާއަށް ލާދީނީއޭ ގޮވިޔަސް ތިއްބެވީ ސާބިތުކަން މަތީގައި ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުއް ހަކީމް ވިދާލުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ، ދިވެހިންގެ ދީނީ އަގީދާއެއް "މި ރާއްޖޭގައި އުޅޭ ޝޭހަކަށެއް ވަގަަކަށް ނުނެގޭނެ" ކަމަށެވެ.

އެމްޑީޕީ މީހުން ގަބޫލުކުރާ ގަބޫލުކުރުމެއް އަދި އެމީހުން ތިބި ސާބިތުކަމަކަށް ގުޑުމެއް ނުގެނެވޭނެ ކަމަށް ޝާހިމް ވިދާޅުވިއެވެ. އެމްޑީޕީއަށް ނިސްބަތްވާ މީހުންނާ ދިމާއަށް ލާދީނީ ގޮވި ދާނެ ކަމަށާއި، ނަމަވެސް އެމީހުން ތީބޭނީ އެމްޑީޕީ މެންބަރުންގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ، މި ރާއްޖޭގައި އިސްލާމްދީން ހިމާޔާތްކޮށް މި ރާއްޖޭގެ ރައްޔިތުންނަށް މީ އަމާން ގައުމެއްގެ ގޮތުގައި ހަދައިދޭނީ އެމީހުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބޮލުގައި ކޮންމެހެންނެއް، އަޅުގަނޑުމެންގެ ނިތްކުރީގައި ލާދީނީ ޓެގް އަޅުވާކަށް އުޅޭނެ ކަމެއް ނެތް. އަޅުގަނޑު ދާއިރާގެ ރައްޔިތުންނަށްވެސް މި ރާއްޖޭގެ ރައްޔިތުންނަށްވެސް އިނގޭނެ އަޅުގަނޑުގެ ނިތްކުރި ބަލާލީމަ އަޅުގަނޑުމެންނަކީ މި ދީން ގަބޫލުކޮށްގެންކަން ތިބި އިސްލާމުން ކަން. އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުންތަކަށް ގުޑުން އަރުވާލައްވަން ނޫޅުއްވާ އަދި މި ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ވަކި ކަމެއް ވަކި ގޮތަކަށް ގެންދިއުމުގެ ބޭނުމުގައި މި ކުރާ ކަންކަން އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ."
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް

އެމްޑީޕީ މީހުންގެ ބޮލުގައި ލާދީނީ ޓެގް އަޅުވަން މަސައްކަތް ނުކުރުމަށް ގޮވާލައްވަމުން ޝާހީމް ވިދާޅުވީ އޭނާގެ ދާއިރާގެ ރައްޔިތުންނަށް އަދި ރާއްޖޭގެ ރައްޔިތުންނަށް އޭނާގެ ނިތްކުރި ބަލާލުމުން އޭނާއަކީ އިސްލާމް ދީން ގަބުޅުކުރައްވައިގެން ހުންނެވި ބޭފުޅެއް ކަން އިނގޭނެ ކަމަށެވެ. އަދި މި ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ބަޔަކު (ޝޭހުން) ކުރަމުން ގެންދާ އެ ފަދަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާ ކުރީގައި ނެރެފައި އޮތް އެއްޗެއް. އެ ރިޕޯޓު ނެރެވިގެން ދިޔަ އިރުގައި އޭރުގައި ހުރި ވެރި މީހާ އިސްލާމްދީނަށް ކިހާ ހަޖޫ ޖެހިތޯ؟ އަޅުގަނޑު މިއަދު އިސްލާމިކް މިނިސްޓަރަށް އެބަ ގޮވާލަން، ރައީސް ޔާމީން އޭރުގައި ދީނާ ބެހޭ ގޮތުން ދައްކަވާފައި ހުރި ވާހަކަތައް ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް. އަޅުގަނޑު ޕޮލިސް ކޮމިޝަނަށްވެސް ގޮވާލަން. އަދި މި ރާއްޖޭގެ ދިފާއީ ބާރުތަކަށްވެސް ގޮވާލަން."
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް

އެމްޑީއެން އިން ނެރެފައި ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހީމް ވިދާޅުވީ އެއީ މާ ކުރީގައި ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. އެ ދުވަސްވަރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ދީނާ ހިލާފަށް ވާހަކަ ދައްކަވާފައި އެބަހުރި ކަމަށް ވިދާޅުވެ އެ ވާހަކަތައް ބަލައި ތަހުގީގު ކުރުމަށް ޝާހީމް ވަނީ އިސްލާމިކް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށާއި ރާއްޖޭގެ ދިފާއީ ބާރުތަކަށް ގޮވާލައްވާފައެވެ. ޝަހީމް ވިދާޅުވީ، ހުރިހާ ކަމެއްވެސް ހަމަހަމަވާން ޖެހޭނެ ކަމަށާއި ހަމައެކަނި ދެކެވެން ޖެހޭނީ އެއް ބައެއްގެ ވާހަކަ ނޫން ކަމަށެވެ.

"ދީނާ ބެހޭ ގޮތުން ހިލާފް ވާހަކަތައް ދެއްކީމާ އަޅުގަނޑުމެން ލޭ ހޫނުވާނެ. އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކައިގެން ނުވާނެ."
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް

ދީން ހަތިޔާރަކަށް ހަދައިގެން މި ގައުމުގެ ޖީލު ފަނާކޮށްލަން އެދިވަޑައިނުގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެން ކަމުން ދީނާ ހިލާފުވާ ކަހަލަ ވާހަކަ ދެއްކުމުން ލޭ ހޫނުވާނެކަމަށާއި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި، އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.