ޕޯލިއޯ ޖެހިގެން ޕާކިސްތާނުން މިއަހަރު ރަޖިސްޓްރީކުރި މީހުންގެ އަދަދު 70 އަށްވުރެ މައްޗަށް އަރާފައި ވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޕޯލިއޯ ޖެހިގެން އެންމެ ފަހުން ރަޖިސްޓާ ކޮށްފައިވަނީ އުމުރުން އެންމެ 17 މަހުގެ އަންހެން ކުއްޖެކެވެ. އެއީ ސިންދް ޕްރޮވިންސްއިން ކަމަށް ވާއިރު، މިއީ މިއަހަރު ތެރޭގައި އެ ޕްރޮވިންސުން ރަޖިސްޓާ ކުރި 8 ވަނަ ކޭހެވެ.

ޕޯލިއޯޖެހިގެން ޕާކިސްތާނުން އަލަށް ރިޕޯޓްކުރަމުންދާ ޕޭޝަންޓުންނަކީ، ހުން އައުމަށްފަހު ހަށިގަނޑުގެ ކޮންމެވެސް އެއް ފަރާތެއްގެ ފައިން ވާގި ނެތިގެން ނުވަތަ ބާރު ދެރަވެގެން ފަރުވާ ހޯދަން ދިއުމުން ޓެސްޓުކުރި ޕޭޝަންޓުންނެވެ. އެހެންކަމުން، ހޮސްޕިޓަލުން ފަރުވާ ނުހޯދާވެސް މި ބަލިޖެހިފައި ތިބި ގިނަ ބަޔަކު ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ތިބޭނެ ކަމުގެ ބިރު އެބައޮތެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވަނީ މިފަހަކަށް އައިސް އެގައުމުގައި ޕޯލިއޯ ޖެހިގެން ރިޕޯޓްކުރާ ޕޭޝަންޓުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވާ، އެކަމާ ކަންބޮޑުވުންފާޅުކުރައްވާފައެވެ.