މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ މީހަކަށް މި ބިމުގައި ލިބޭނެ ކާމިޔާބެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ޖޭޕީ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަަލަ ކުށްވެރި ކުރައްވާ، ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެކަން ކުރައްވާނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކުރާ މީހަކަށް މި ބިމުގައި ލިބޭނެ ކާމިޔާބެއް ނެތް ކަމަށާއި އެފަދަ މީހުން ދާނީ ބޭޒާރުވެ ބޭކާރު ވެގެން ކަމަށެވެ. އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކުރުމުގެ އެއްވެސް ފުުރުސަތެއް ދެވިގެން ނުވާނެ ކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ، އެފަދަ ކަންކަން ހުއްޓުވަން މާތްﷲ ގަންދީ ހުވާކޮށްގެން މަގާމުތަކާ ހަވާލުވެވަޑައިގެންފައިވާ ބޭފުޅުން، އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް ގާސިމް ގޮވާލެއްވިއެވެ.

އެންޑީއެމްގެ ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވާއިރު، އިސްލާމް ދީނުގެ ނައްސުން އައިސްފައި ހުރި ބައެއް ކަންކަމާ މެދުވެސް ސުވާލު އުފައްދާފައި ވެއެވެ.

އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށް ބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.