މިއަދު ދިވެހި އުންމަތް އުތުރި އަރަމުން ދަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އާންމު ކުރި ރިޕޯޓެއްގައި އިސްލާމް ދީނާއި ރަސޫލާއަށް "ހަޖޫ" ޖަހާފައި އޮތުމުންކަން އެންމެނަށްވެސް އެނގެއެވެ. ނަމަވެސް މެޖޯރިޓީ ދިވެހިން އެވާހަކަ ދައްކާ އަސްލު ސަބަބަކީ ކޮބައި ކަމާއި އެކަމާ ސަރުކާރުން މާ ބޮޑު އަޅާލުމެއް ނުދެނީ ކީއްވެތޯ ބަލާލަން އެބަޖެހެއެވެ.
ރާއްޖޭގެ ގިނަ މީޑިއާތަކާއި އާންމުން އެކަމެއްގެ ކަންބޮޑުވުން ފާޅުކުރަމުން ދާ އެ މައްސަލައިގައި "ހަނު" ހުރި ބައެއް މީޑިއާތައްވެސް އެބަ ހުއްޓެވެ. އަދި ރިޕޯޓާ ގުޅިގެން "އެމްޑީއެންގެ އެކްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލް މައާފަށް އެދިވަޑައިގެންފި" ނޫންހޭ ނުގޮތަކަށް ބުނެ ހަބަރު ފެތުރި ނޫސްވެސް އެބަ ހުއްޓެވެ. އަދި އެމްޑީއެންގެ ރިޕޯޓަކީ 'ތައުހީން' އެއް ކަމަށް ބުނެ، ގިނަ ދިވެހިންނަށް މާނަ ނޭނގޭ ބަހެއް ބޭނުން ކޮށް ދައުލަތުގެ ބައެއް ވުޒާރާތަކުން ބަޔާނެއްވެސް ނެރުނެވެ.
އެވާހަކަ ބާއްވާފައި، އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ކަންބޮޑުވާ މައްސަލައަށް ބަލާލަމާތޯއެވެ. އެ މައްސަލައަކީ، އެ ރިޕޯޓާ ގުޅިގެން ސަރުކާރުން ނުވަތަ ވަލީއުލްއަމްރުގެ ފަރާތްޕުޅުން "ޗުއްޕު" ވެސް ވިދާޅުވެފައި ނުވާތީ ކަންބޮޑުވާ މައްސަލައެވެ. ގައުމުގައި އޮތް މިހާ ހައްސާސް މައްސަލައެއްގައި ބަސް ވިދާޅުވާން ޖެހިވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ދިމާވެގެން އުޅޭ މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އެ ރިޕޯޓާ ގުޅިގެން މިހާތަނަށް "ޝުއޫރު ފާޅު ކުރެއްވި" ވަޒީރުންވެސް ފާޅު ކުރައްވާފައި ހުރީ "ލުއި" ޝުއޫރުތަކެކެވެ. އެއްވެސް ބޭފުޅަކު އެމްޑީއެންގެ އެ ރިޕޯޓުގައި ލިޔެފައި ހުރި ވާހަކަތައް ކުށްވެރި ކުރައްވާފައެއް ނުވެއެވެ. ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެފައި ވަނީ "މާތް ﷲ އާއި މާތް ރަސޫލާ އާއި އިސްލާމްދީނާ ގުޅުން ހުންނަ ކަންކަމަށް ފުރައްސާރަ ރައްދުވާގޮތަށް ބަސްބުނެ ވާހަކަދައްކާ ލިޔެ ހެދުމަކީ ތަހައްމަލު ކުރެވޭނެ ކަމެއްނޫން" ކަމަށެވެ. ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައި ވަނީ "ދިވެހިރާއްޖޭގެ ގާނޫނު ހިނގާ ސަރަހައްދެއްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ބަދުބަހެއް ނުބުނެވޭނެ، ލާހިކެއް ނޫން" ކަމަށެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެފައި ވަނީ "އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރުމަކީ އެއްވެސް ހާލެއްގައި، އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. ދެން ތިއްބެވި ވަޒީރުން އެއްޗެއް ވިދާޅުވިކަން ފާހަގަވެފައެއް ނެތެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ޖަމްއިއްޔާތަކާ ބެހޭ ވުޒާރާއިން ނެރެފައި އޮތް ބަޔާނަކީވެސް ބިރުން ހުރެ ނެރެފައި އޮތް ބަޔާނަކާ ވައްތަރެވެ. އެބަޔާނުގައި "ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ހުރިހާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރުން" ފިޔަވައި، ދިމާވެގެން އުޅޭ މައްސަލައިގައި ކަން ކުރި ޖަމްއިއްޔާއާ ދޭތެރޭ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބުނެލާފައި ނެތެވެ. އެމްޑީއެންގެ ބަޔާނުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ހުށަހެޅުމާއި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ގާނޫނެއް ހަދާވާހަކަ ބުންޏެވެ.
މިހާރު ހުރި ގާނޫނުތައް
ޖަމްއިއްޔާތަކާ ބެހޭ ގާނޫނު (2003/1) ގެ 19 މާއްދާގެ (ހ) ގައި ބުނަނީ، އިސްލާމްދީނުގެ އަސްލަކާ ހިލާފުވުން، ނުވަތަ އިސްލާމްދީނަށް އިހާނެތިކޮށް ހިތުން، ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުން، ނުވަތަ އެ އެއްބައިވަންތަކަމަށް އުނިކަމެއް ގެނައުން، ނުވަތަ އިސްލާމް ދީން ނޫން އެހެން ދީނެއްގެ ފިކުރާއި ޝިއާރު ދިވެހިރާއްޖޭގައި ފާކުރުން، ނުވަތަ ފެތުރުން މަނާ ކަމަށެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނޫ (94/6) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، (ހ) ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ، މަނާ ކަމެއް ކަމަށެވެ.
އަދި އެމާއްދާގެ (ށ) ގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުވަތަ މުޖްތަމައުގެ ވަކި ބައެއްގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް، ދީނީ ތަގްރީރު ކުރުމާއި، އާންމުކޮށް ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމަށް ބުނެއެވެ.
ދިވެހިރާއްޖޭގެ ގަނޫނުލްއުގޫބާތު (2014/9) ގެ 617 ވަނަ މާއްދާގައި ބުނަނީ؛
(ހ) އެއްވެސް މީހަކު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާނަމަ އެ މީހާ އެކުރަނީ ކުށެއް ކަމަށެވެ.
1. މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުން؛ ނުވަތަ
2. އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން؛ ނުވަތަ
3. ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
4. އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
5. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުން. މިއެވެ.
(ށ) ދަރަޖަކުރުން
މި ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. މިއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު (2015/32) ގެ 4 ވަނަ މާއްދާގައި ބުނަނީ؛
(ހ) މިގާނޫނުގައި ޓެރަރިޒަމް ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދު ތަކުގެ ތެރެއިން މަގްސަދެއް ހާސިލު ކުރުމުގެ ގޮތުން މިގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށެވެ.
1. ދައުލަތައް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް؛
2. އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް؛
3. ގާނޫނާ ހިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުން؛ އެވެ.
މިހާތަނަށް ވުޖޫދުވެފައި ހުރި ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައި ހުރި ގަވާއިދުތަކަށް އަމަލު ކުރާނަމަ، އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އަޅަންވީ ފިޔަވަޅު ސާފުވޭ ދެއްތޯއެވެ.
ގާނޫނާއި ގަވާއިދުގެ މީޒާނުގައި ހައްދުފަހަނައަޅާ ދިއުމަކީ ކޮންމެކަމެއްގައިވެސް ހައްދުފަހަނައަޅާ ދިއުމެވެ. އެއަށް ކިޔަނީ 'އެކްސްޓްރީމް' ވުމެވެ. އެ ދަރަޖައަށް ނުގޮސް އެއީ 'ހައްގު ހޯދުން' ކަމަށް ވިޔަސް ފިޔަވަޅު އެޅޭނެ ނޫންތޯއެވެ.
ދީނަށް ފުރައްސާރަ ކުރި ރިޕޯޓު ނެރުން
އެމްޑީއެންގެ ރިޕޯޓު ނެރުނު ސީދާ ދުވަހަކާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އެއްބަޔަކު ބުނަނީ އެ ރިޕޯޓު ނެރުނީ މީގެ 7 މަސް ކުރިން ކަމަށެވެ. އަނެއް ބަޔަކު ބުނީ އެ ރިޕޯޓު އެމްޑީއެންގެ ވެބްސައިޓުގައި ޝާއިރު ކުރީ އިހަށް ދުވަހު ކަމަށެވެ. އެމްޑީއެންގެ ފަރާތުން ބުނެފައިވަނީ އެއީ 2016 ގައި ނެރުނު ރިޕޯޓެއް ކަމަށެވެ.
ރިޕޯޓު ނެރުނު ދުވަހެއް ބާއްވާފައި ސުވާލު އުފައްދަންވީ ރިޕޯޓު ނެރުނު މަގުސަދަކާއި، އެ ރިޕޯޓު ފޮނުވީ ކޮންތަންތަނަކަށްތޯ ނޫންތޯއެވެ. އާންމުކޮށް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކަކީ ބޭރުގެ އެހީގައި އެކިއެކި ހަރަކާތްތައް ހިންގާ ޖަމްއިއްޔާތަކެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުންނަ އދ ގެ އިދާރާގެ ބައެއް ގޮފިތައްވެސް ހިމެނެއެވެ. 'ފަންޑް' ލިބިގެން ރިޕޯޓެއް ހެދިޔަސް، މަޝްރޫއެއް ހިންގިޔަސް އެ މަސައްކަތެއްގެ ފުރިހަމަ ތަފްސީލު ފަންޑު ކުރާ ފަރާތަށް ދޭން ޖެހޭނެއެވެ. އެހެން ކަމުން، އެމްޑީއެންގެ ރިޕޯޓު، އެ ޖަމާއަތަށް ފަންޑު ކުރި މީހުންނާ ހިއްސާ ކޮށްފައި އޮންނާނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެއީ ކިތަން ޖަމާއަތް ކަމެއް ހޯދިފައެއް ނުވެއެވެ. އަދި އެމްޑީއެން އިން އެކަން ހާމަކޮށްފައެއްވެސް ނުވެއެވެ.
އެމްޑީއެންގެ ރިޕޯޓުގައި ދީނަށް ފުރައްސާރަ ކޮށް، ސުވާލު އުފައްދާ ލިޔެފައި ހުރި ވާހަކަތައް މި ލިޔުމުގައި ނުހިމަނާނަމެވެ. އެވާހަކަތަކަށް ވުރެ ދެއްކުން މުހިންމުވާ ވާހަކަ އަކީ، އިސްލާމް ދީނަށް ފުރައްސާރަކޮށް އިހަށްވެސް އަދި މިހާރުވެސް ލިޔުންތައް ލިޔެ ނުހެދޭނެ ކަމާއި، އެ ޒާތުގެ ވާހަކަވެސް ނުދެއްކޭނެ ކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގައި އޮތް ގާނޫނު އަސާސީއާއި ދިވެހިންގެ ދީނީ އެއްބައިވަންތަ ކަމާއި ގާބޫލު ކުރާ އުސޫލުތަކާއި ހަމަތައް މީގެ 800 އެތައް އަހަރެއްސުރެ ކުރިން އައީ ބިންވަޅު ނެގެމުން ކަމަށް ވާތީއެވެ.
ދީނުގެ އަސްލުތަކާއި އަސާސްތައް އަދި އުސޫލުތަކާ މެދު ސުވާލު އުފެދޭނަމަ، ނުވަތަ އެއީ 'ވާހަކައެއް' ކަމަށް ސިފަވާނަމަ އެނގޭ މީހުން ކައިރިން ދަސްކޮށް އުނގެނެންވީއެވެ. ބުއްދީގެ ހަމައިން ނުވަތަ 'ސައިންޓިފިކް' ގޮތުން ކަމެއް މިއަދު ސާބިތު ނުވާކަމަށް ބުނުމަށް ވުރެ، ޓެކްނޮލޮޖީއާއި ސައިންސްގެ ރޮނގުން ދުނިޔެ ކުރިއަރާދާ މިންވަރުން ފިލާވަޅު ލިބިގަނެ ދަސްކުރަން ވީއެވެ. މިއަދު އޮސްޓްރޭލިއާއިން ލަންޑަނަށް 4 ގަޑިއިރުން ދެވޭނެ ޓެކްނޮލޮޖީ އެބަހުއްޓެވެ. އެޓޮމަކަށް ވުރެ ކުޑަ ޒައްރާއެއް ޖައްވަށް ޓެލެޕޯޓުކޮށް ސައިންސްވެރިން ކުރި ހޯދަމުން އެބަދެއެވެ.
ކަން މިހެން އޮތުމާއެކު ތިމާއަށް ނޭނގޭކަން މަތީގައި ނަޒަރިއްޔާއެއް އުފަން ކުރަން މަސައްކަތް ކުރުމާއި ފުރައްސާރަ ކުރުމަކީ އޭރުވެސް އަދި މިހާރުވެސް ކުރެވޭނެ ކަމެއް ނޫނެވެ.
އެމީހުންނަކީ ސެޓް އެޖެންޑާއެއްގައި މަސައްކަތް ކުރާ ބައެއް. ވަރަށް ބޮޑަށް
ތި ބައިގަނޑަކީ ޔޫއެންޑީޕީން ފަންޑު ކުރާ ބައިގަނޑެއް. މިދިޔަ އަހަރު އެކަނިވެސް 200 ލައްކަ ޑޮލަރު ދިން. ތީ %100 ސްޕޮންސާޑް ޖަމާއަތެއް. އެޖެންޑާ ވަރަށް ސާފު.
ގާނޫނެއް ނެތިގެންނެއް ނޫން ތިކަން ނުވެގެން ތިއުޅެނީ. ބިރުން
ސަރުކާރުގެ އެންމެ އެތެރޭގައިވެސް ތިބީ އޭގެ މީހުން. ސީޕީ ހަމީދަކީވެސް ކުރިން އޭގެ މެންބަރެއް.
މިސަރުކާރަށް ނުކެރޭނެ
އެމްޑީއެން ބަންދުކުރޭ