ކައިވެނި ނުކޮށް ތިބޭ ހިލޭ ޖޯޑުތަކަށްވެސް ސައުދީގެ ހޮޓާތަކުން މިހާރު ކޮޓަރި ކުއްޔަށް ހިފޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހާމަކޮށްފިއެވެ.

މި ބަދަލު ތަންފީޒު ކުރަނީ ސައުދީއަށް ޒިޔާރަތް ކުރާ ބިދޭސީންގެ މައްޗަށެވެ.

މިއީ ތެލުގެ ސިނާއަތަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އެހެން ސިނާއަތް ތަކުން އާމްދަނީ އިތުރު ކުރުމަށް ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ވިސާގެ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރެއިން ހަމަޖެހުނު ކަމެއް ކަމަށް ޚަބަރު ލިބެއެވެ.

މިއާއެކު، މަހްރަމަކާ ނުލައި ހޮޓާތަކުގައި އަންހެނުންނަށްވެސް ތިބެވޭނެ ގޮތަށް ގަވައިދަށް ވަނީ ބަދަލު ގެނެސްފައެވެ. މިއީ ސައުދީގެ އަންހެނުންގެ މައްޗަށްވެސް ތަންފީޒު ކުރެވޭނެ ބަދަލެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީގެ 'ހޮޓެލް ބުކިންގް' ގަވައިދުތައް މީގެ ކުރިން ހަމަޖެހިފައި އޮންނަ ގޮތުން ނަމަ އެކުގައި 'ރޫމެއް ބުކް' ކުރެވެނީ ކައިވެނި ކޮށްގެން ތިބޭ ދެމަފިރިން ކަން ސާބިތު ކޮށްދިނުމުންނެވެ.

ސައުދީ ހޮޓާތަކުގައި ރާ ބުއިމާ ރަލުގެ ވިޔަފާރިކުރުން އަދިވެސް އޮތީ މަނާކޮށްފައެވެ.