ފުވައްމުލަކުން ފްލެޓް ލިބުނު މީހުން ފްލެޓުތަކުގެ އަގުބޮޑުވެގެން އިހުތިޖާޖު ކޮށްފިއެވެ.
ފުވައްމުލަކުގައި ރައްޔިތުން ނުކުމެ އިޖުތިޖާޖު ކުރަން އުޅޭ ކަމަށް ބުނެ މީޑިއާގައި ދައުރުވި ހަބަރު އެ ރަށު ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ދޮގު ކުރައްވާފައި ވީ ނަމަވެސް އެ ރަށުން ފްލެޓް ލިބުނު ރައްޔިތުން ވަނީ އިއްޔެ އިހުތިޖާޖު ކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ، އިހުތިޖާޖުގެ ފޮޓޯތަކުގައި އިޖުތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރައްވަން ނައިބު ރައީސް ފައިސަލް ނަސީމް ހުންނަވާތަން ވެސް ފެނެއެވެ. އެ ފޮޓޯތަކުގައި އެ ރަށުގެ ބައެއް މީހުން ޝަކުވާތައް ލިޔެފައިވާ ގަނޑުތަކަކާއެކު ތިބޭ ތަން ފެނެއެވެ. އެ ފޮޓޯތަކުން ގިނައިން ފެންނަނީވެސް އަންހެނުން ކަން ފާހަގަ ކޮށްލެވެއެވެ.
އިހުތިޖާޖު ކުރި ފަރާތްތަކުން އިހުތިޖާޖުގެ ފޮޓޯތަކާއެކު ފްލެޓުގެ މައްސަލައިގައި ރައީސް އޮފީހަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީއެެއްވެސް ދަނީ ދައުރުވަމުންނެވެ. އެ ސިޓީގައި ވަނީ އެ ރައްޔިތުންގެ ޝަކުވާތަކެވެ. އޭގައި ވަނީ، ފުވައްމުލަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ އެވްރެޖް މުސާރައަކީ މަހަކު 5000 ރުފިޔާ ކަމަށާއި އެ ރަށުގައި ލިބެން ހުރި ވަސީލަތްތަކާއި މާހައުލު ހުރި ގޮތުން އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތް ކަމަށެވެ. ހަމައެއާއެކު ހައުސިންގް ޔުނިޓުތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 19000 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، މަހު ކުލީގެ ގޮތުގައި 3800 ރުފިޔާ ނަގަން ސަރުކާރުން ހަމަޖައްސާފައި ވުމުން ލިބޭ 5000 ރުފިޔާގެ މުސާރައިން ކުލި ދައްކާފައި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ހައުސިންގް ޔުނިޓްގައި ދިރިއުޅެން ދާނެ ހަރަދު އަންދާޒާ ކޮށްފައި އެ ސީޓީގައި ބުނެފައިވަނީ ގާތްގަނޑަކަަށް 10،000 ރުފިޔާއެވެ. އެހެންކަމުން، އެންމެ އާދައިގެ މީހާ ދިރިއުޅުމަށް ދޫކުރާ ހައުސިންގް ޔުނިޓްތައް އަތް ފޯރާ އަގެއްގައި ލިބިގެން މެނުވީ އުފާވެރި ފަސޭހަ ޖަޒީރާވަންތަ ދިރިއުޅުމެއް ނުލިބޭނެ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
އެ ސިޓީއާ އެކު ފްލެޓު ލިބުނު މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް އެ ލިސްޓްވެސް ހުށަހަޅާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފްލެޓް ލިބުނު މީހަކު ބުނީ، ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ އާންމުކޮށް މުސާރައިގެ ގޮތުގައި 5000 ނުވަތަ 6000 ރުފިޔާ ލިބޭ މީހުން ކަމަށެވެ. އޭގެތެރެއިން 3800 ރުފިޔާ ފްލެޓުގެ މަހު ކުއްޔަށް ދައްކައިފި ނަމަ ބާކީ އޮންނާނީ 2000 ރުފިޔާ ކަން އޭނާ ފާހަގަ ކުރަމުން ބުނީ، އެ ވަރުން އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ދެކޮޅު ޖެއްސޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
ފުވައްމުލަކު ފްލެޓުގެ އަގުތައް ބޮޑުވެފައި ވާތީ އެރަށު ކައުންސިލާ ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ހޯދުމަށް ފްލެޓް ލިބުނު މީހުން ވަނީ ބައްދަލުކޮށް ވާހަކަ ވެސް ދައްކާފައެވެ.