ގިރިފުށީ ޓްރޭނިން ސެންޓަރުގައި ތަމްރީނު ހަދަމުން ދަނިކޮށް ނިޔާވި ސްޓާފް ސާޖަންޓް އަލީ ރިޔާޒް ސިފައިންގެ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ގިރިފުށީގައި އެންސީއޯ އެކަޑަމީން ތަމްރީން ހަދަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ސްޓާފް ސާޖަންޓް އަލީ ރިޔާޒް ސިފައިންގެ އިއްޒަތުގައި ފަސްދާނުލައިފި ކަމަށެވެ.

އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް (އެސްއެސްޖީޓީ) އަލީ ރިޔާޒް ނިޔާވެފައިވަނީ މިއަދު ހެނދުނެވެ. އެމްއެންޑީއެފުން ބުނީ، އެސްއެސްޖީޓީ އަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ޖަހާފައިވާ ކަމަށެވެ. އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނު ކަމަށެވެ.

ގިރިފުށީ ޓްރޭނިން ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސްޓާފް ސާޖަންޓް އަލީ ރިޔާޒް / ފޮޓޯ: އެމްއެންޑީއެފް

އޭނާ ގައިން ވަރުދޫވެގެން ވެއްޓުނުތަނާހެން އިމަޖެންސީގައި މާލެ ގެނެސް އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަލީ ރިޔާޒް ނިޔާވުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޝީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ޝަމާލް ވިދާލުވެފައި ވަނީ އަލީ ރިޔާޒަކީ މަސައްކަތުގައި ވަރަށް ވެސް ހީވާގި މީހެއް ކަމަށާއި އޭނާގެ ކުއްލި މަރުގެ ހަބަރު ލިބިވަޑައިގަތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.