އައްޑޫ ސިޓީ ހުޅުދޫގައި ތަލާ އަނިޔާކޮށް އެއްލާލާފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ހުޅުދޫގެ ފްލެޓް ސަރަހައްދުގައި ޒަހަމްތަކަކާއެކު ވެއްޓިފައި މީހަކު އޮތް ކަމުގެ މައުލޫމާތު މިރޭ 7:00 ހާއިރު ލިބިފައިވާ ކަމަށެވެ. އަނިޔާ ލިބިފައިވާ މިހާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ ފަޅާލާފައިވާ ކަމަށާއި އެމީހާގެ ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އަނިޔާ ކޮށް އެއްލާލާފައި އޮތް މީހާ އަކީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

މިހާރު އެމީހާއަށް ހުޅުދޫ ހެލްތް ސެންޓަރުގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.