ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވަނިކޮށް ގައުމީ ކްރިކެޓް ކޯޗު ފިލައިގެން ފުރަންގޮސް ހުއްޓާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، މިއަދު ހެދުނު 8:20 ހާއިރު އެފްރިކާއަށް ނިސްބަތްވާ ފިރިހެން މީހާ ހިފަަހައްޓާފައި ވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުއްޓާ ކަމަށެވެ. މި މީހާ ހިފަހައްޓާފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މި މީހާ މިހާރުވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 46 އަހަރުގެ ސައުތް އެފްރިކާއަށް ނިސްބަތްވާ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ހާން އެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.