ޕާކިސްތާނުގެ ކުރީގެ ވެރިޔާ އަދި އަސްކަރީ ޖެނެރަލް ޕަރުވޭޒް މުޝަރައްފު އާދީއްތަ ދުވަހު ސިޔާސީ މައިދާނަށް އަލުން ނިކުންނަވާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޕާކިސްތާނުގެ ސިޔާސީ މައިދާނަށް މުޝަރައްފު މި ނިކުންނަވަނީ ސިއްހީ ހާލުކޮޅު ތަން ނުދިނުމުގެ ސަބަބުން، ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ.

މިހާރު އުމުރުފުޅުން 76 އަހަރު ފުރިފައިވާ މުޝައްރަފު، 2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަފުޅަށް އަރުވާލެވިގެން، ދުބާއީގައެވެ. އެއީ 2007 ވަނަ އަހަރު ޕާކިސްތާނުގެ ގާނޫނު ސަސްޕެންޑް ކުރެއްވި މައްސަލައާއި ގުޅިގެން، ގައުމަށް ގައްދާރުވި ކަމުގެ ކުށުގެ ދައުވާ 2014 ވަނަ އަހަރު މުޝައްރަފާ ދެކޮޅަށް އުފުލުމާ ގުޅިގެންނެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ ހުކުމެއް އަންނާނެއެވެ.

މުޝައްރަފުގެ އޯލް ޕާކިސްތާނު މުސްލިމު ލީގު (އޭޕީއެމްއެލް)އިން ސިޔާސީ ހަރަކާތްތަކާ ދުރުގާ އުޅޭތާ މިހާރުވަނީ އަހަރެއްހާ ދުވަސްވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، ސިޔާސީ މައިދާނަށް މުޝައްރަފު އަލުން މި ނިކުންނަވަނީ ސިއްހީ ހާލުކޮޅު އެކަމަށް ތަންދޭ ވަރަށް ރަނގަޅުވެފައިވާތީ އެވެ. ޚަބަރު ލިބޭ ގޮތުގައި ސިއްހީ ސީރިއަސް ބައްޔަކަށް މުޝައްރަފު ފަރުވާ ހޯއްދަވާފައިވަނީ އިނގިރޭސިވިލާތުންނެވެ.

އޭޕީއެމްއެލް އުފެދުނުތާ 9 އަހަރު ފުރުން ފާހަގަކުރުމަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި، މިމަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދާ ހާއްސަ އިވެންޓެއްގައި މުޝައްރަފު ތަގުރީރުކުރައްވާނެ ކަމަށާ، މުޝައްރަފު މިކަން ކުރައްވާނީ ވީޑީއޯ ލިންކް މެދުވެރިކުރައްވާކަމަށް އެ ޕާޓީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޕާކިސްތާނުގެ ވެރިއެއްގެ ގޮތުގައި ހުންނެވި މުޝައްރަފަކީ، ބޭނަޒީރު ބުއްޓޫ އަވާހަރަކޮށްލި މައްސަލައަށް ފިއްލަވައިގެން އުޅުއްވާ ފަރާތެއް ކަމަށް ޕާކިސްތާނުން ވަނީ ކަނޑައަޅާފައެވެ.