ހިޔާލު ފާޅު ކުރުމުގެ ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓަކީ، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް، މުޖުތަމައުގައި ފަސާދަ އުފައްދަން ނެރުނު ރިޕޯޓެއް ކަމަށް ބުނެ އެކަން ޖުމްހޫރީ ޕާޓީން ކުށްވެރި ކޮށްފިއެވެ.

ޖޭޕީން ބުނެފައިވަނީ، ހިޔާލު ފާޅު ކުރުމުގެ ނަމުގައި ނުވަތަ އިލްމީ ދިރާސާ ކުރުމުގެ ނަމުގައި އެމްޑީއެން އިން ތައްޔާރު ކޮށް ނެރުނު ރިޕޯޓަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ރިޕޯޓެއް ކަމަށެވެ.

ޖޭޕީން މިކަން ކުށްވެރިކޮށް މިރޭ ޓްވީޓެއް ކޮށްފައި ވާ އިރު އަދާލަތު ޕާޓީއާއި، އެމްއާރުއެމް އަކުން އަދި ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމްއާރުއެމްގެ ބާނީ ރައީސް މައުމޫން ވަނީ، ކޮންމެ ބަޔަކު ކުރިނަމަވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މީގެ 2 ގަޑިއެއްހާ އިރު ކުރިން ޓްވީޓެއް ކުރައްވާފައެވެ.

ކޯލިޝަން ޕާޓުނަރު، އަދާލަތުން ބަހެއް ބުނެފައި ނުވާ އިރު، ދީނީ ކަންކަމުގައި ބާރުލައި ބަސް ކިޔާ ސަލަފު ޖަމްއިއްޔާއިން ބަހެއް ބުނިކަންވެސް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް އެ ޖަމްއިއްޔާއަށް ނިސްބަތްވާ ބައެެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި އަޑުއުފުލާފައި ވާަކަން ފާހަގަ ކުރެވެއެވެ.

"ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓަށް ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ބަސް ބުނީ އިސްލާމިކް މިނިސްޓްރީން އެކަންޏެވެ. އެމިނިސްޓްރީން ވަނީ އެ މައްސަލަ ބަލައި ދިނުމަށް ފުލުހަށް ހުށަހަޅާފައެވެ. ދެން ބަހެއް ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެނޫން ވަޒީރެއްވެސް އަދި އިދާރާއަކުން ކަންބޮޑުވުންވެސް ފާޅުކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ޑިމޮކްރަސީ ނެޓްވޯކުގެ ރިޕޯޓާ ގުޅިގެން އެ ޖަމާއަތުގެ އެކްޒެކެޓިވް ޑިރެކްޓަރާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ ދެމެދު ސޯޝަލްމީޑިއާގައި ދަނީ ބަހުގެ ގިނަ ހަމަލާތައް ބަދަލު ކުރަމުންނެވެ.