ސިންދިތާ އޮފީހުގައި ހުރި 2 ތިޖޫރީއެއް ފަޅާލައި އޭއިން ގިނަ ފައިސާތަކެއް ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފައި ވާ ވާހަކަ ސިންދިތާގެ އިސް މުވައްޒަފަކު ދޮގު ކޮށްފިއެވެ.

'ދަޕްރެސް' އާ ވާހަކަ ދައްކަމުން އެ މުވައްޒަފު ބުނީ ފަޅާލީ ސިންދިތާ ހުންނަ އިމާރާތް، ހ. ޝޭޑީޔާޑު 8 ވަނަ ފަންގިފިލާގައި ހުންނަ އޮފީހެއް ކަމަށެވެ. އަދި އެ އޮފީހަކީ ކަލާސް ގްރޫޕް ޕްރިވެޓް ލިމިޓެޑާއި މަރުހަބާ މޯލްޑިވްސްގެ އޮފީސް ހުންނަ ބައި ކަމަށެވެ. އޭނާ އިތުރަށް ބުނީ ސިންދިތާވެސް ހިންގަނީ އެ އޮފީސްތަކުން ކަމަށާ ފަޅާލީ ސިންދިތާ ނޫން ކަމަށެވެ.

ފުލުހުން މިއަދު ހެނދުނު ބުނެފައިވަނީ ސިންދިތާ ފަޅާލައިގެން ރިޕޯޓްކޮށްފައި ވާ ކަމަށެވެ. އަދި ސިންދިތާ އޮފީހުގައި ހުރި ދެ ތިޖޫރީއެއް ހަލާކު ކޮށްލައިގެން އެއިން ވައްކަން ކޮށްފައިވާ ކަމަށާއި ވަގަށް ނަގާފައިވަނީ 4700 ޑޮލަރާއި 30،000 ރުފިޔާ ކަމަށެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ އިރު މި މަހުގެ 16 ވަނަ ދުވަހު ވަނީ، ގަލޮޅުގައި ހުރި މޯބައިލް ފިހާރައެއް ފަޅާލައިގެން ވައްކަންކޮށް ފިލަން އުޅުނު މީހަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެރޭ 4:40 ހާއިރު ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ފިހާރަ ތެރެއިން ދަބަހެއް ހިފައިގެން ނުކުތް މީހަކު ފުލުހުން ފެނުމާ އެކު ދަބަސް އެއްލައިލުމަށްފަހު ދުއްވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ފަހަތުން ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވާ ކަމަށާއި، އޭނާ އަކީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު އޭނާ އެއްލައިލި ދަބަސް ތެރެއިން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޓެބްލެޓަކާއި މޯބައިލް ފޯނާ ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.