ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށިގެން ކުރިއަށް ދާއިރު، އެޖެންޑާ 19 ގެ ހާއްސަ ބިލުތަކުގެ ގޮތުގައި އެމްޑީޕީގެ ފަރާތުން 18 ބިލެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ދައުރަށް 48 ބިލެއްގެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައި ވާ ކަމަށެވެ. އެއީ ސަރުކާރުގެ ފަރާތުން ފޮނުވާނެ ކަމަށް އަންގާފައިވާ 30 ބިލަކާއި އެމްޑީޕީގެ ފަރާތުން ހުށަހަޅަން ބުނެފައިވާ 18 ބިލެކެވެ.

އޭގެ ތެރެއިން މި ދައުރުގައި މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ހަމަޖެހިފައި ވާ ބިލުތަކުގެ ތެރޭގައި ހިމެނެނީ، އިންތިގާލީ އިންސާފުގެ ބިލާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކޯޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލެވެ. މީގެ އިތުރުން އިންކަމް ޓެކްސް ނެގުމުގެ ބިލާއި، ލާމަރުކަޒީ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލާއި، ފެނާ ކަރަންޓާ ނަރުދަމާއާ ގުޅޭ ބިލާއި، ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލާއި، ރުއް ގަހާ ގުޅޭ ބިލާއި، ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ތައުލީމީ ދާއިރާއާ ގުޅޭ ބިލެވެ. އަދި އާއިލާއާ ވަރި ކައިވެންޏާ ގުޅޭ ބިލާއި، ވަޒީފާއެއް ހޯދާ މީހުނަށް އިނާއަތެއް ދޭ ބިލާއި ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލެވެ.

އެ ބިލުތަކުގެ އިތުރުން މި ދައުރުގައި މަޖިލީހުން ކުރާނެ އެންމެ ބޮޑު މަސައްކަތަކީ ކުރިއަށް އޮތް އަހަރަށް ލަފާކޮށް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމުގެ ގޮތުން ބަޖެޓަށް އަހުލުވެރި ވުމުގެ ގޮތުން މެންބަރުން ތައްޔާރަށް ތިއްބަަވަން ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.