ތަފްސީލުތަކާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހް ކޮށްފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކޮށްފައިވަނީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި، އެކަންތައް ކުރާނެ ތާރީހާއި، އިތުރު ތަފްސީލުތަކާ އެކުއެވެ. މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް ސޯލިހެވެ.
މި ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި ޖަޒީރާ ދިރިއުޅުމާއި ހެޔޮ ވެރިކަމާއި ފަހުރުވެރި އާއިލާގެ އިތުރުން އޯގާތެރި ސަރުކާރު އަދި ނޫ އިގްތިސޯދު ހިމެނެއެވެ. މި ޕްލޭން މިހާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެހެން ޝާއިއުކޮށްފައި ހުންނާނެ ކަމަށް އެ އޮފީހުން ބުނެއެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިރޭ އިފްތިތާހު ކުރި ސްޓްރެޓެޖިކް ޕްލޭނުން ދެ ކަމެއް ހާސިލްވެގެން ދާނެ ކަމަށެވެ. އެއް ކަމަކީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ކުރާނެ ގޮތުގެ ތަރުތީބާއި، ކަން ކުރާނެ ގޮތް، ތާރީހު، ފައިސާ ހޯދާނެ ގޮތް އަދި ކަން ނިންމަންވީ ތާރީހާއި ސަރުކާރު ޖަވާބު ދާރީ ކުރުވުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ކުރިއަށް ނުދާނަމަ، އެކަމާ ގުޅޭ ގޮތުން ސަރުކާރާ ސުވާލު ކުރުމުގެ ފުރުސަތު މި ޕްލޭން އާންމުކޮށް ފެންނަން އޮތުމުން ކޮންމެ ރައްޔިތަކާއި ކޮންމެ މީޑިއާއަކަށް ވެސް އޮންނާނެ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި ކޯލިޝަންގެ ހުރިހާ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް މައުމޫން ބައިވެރިވެވަޑައި ނުގަންނެވީ އެމަނިކުފާނު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުންނެވެ.
ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނަ ކަމުގެ ނިޝާންތައް.