އަދި ފަސޭހަފުޅު ވަގުތެއްގައި ގުދުސަށް ޒިޔާރަތެއް ކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ހާއްސަ މަންދޫބު، ޕްރެޒިޑެންޓް އެޑްވައިޒާ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސުޕްރީމް ޖަޖް އޮފް ޝަރީއާ ކޯޓްސް، ޑރ. މަހުމޫދު އަލް ހައްބާޝް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު ދެއްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ޑރ. މަހުމޫދު އަލް ހައްބާޝް ވަނީ ފަލަސްތީނުގެ ރައީސްގެ ފަރާތުން، ރައީސް ސޯލިހާއި ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި ރައީސް ސޯލިހް ވެސް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް ފަލަސްތީނު ރައީސާއި ބޮޑުވަޒީރާއި ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ރައްދުކޮށްދެއްވުމަށް ހާއްސަ މަންދޫބުގެ ކިބައިން އެދި ވަޑައިގެންފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ރައީސްގެ ހާއްސަ މަންދޫބު ވަނީ ޕަލަސްތީނުގެ ރައީސްގެ ހާއްސަ ސިޓީފުޅެއް ރައީސް ސޯލިހަށް އަރުވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ހާއްސަ މަންދޫބު ޑރ. މަހުމޫދު އަލް ހައްބާޝް ދެއްކެވި ވާހަކަފުޅުގައި ދާދިފަހުން ރައީސް ސޯލިހް އދގެ އާންމު މަޖިލީހުގައި ކުރެއްވި ތަގުރީރުގައި، އިސްރާއީލުން ޕަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ކުށްވެރި ކުރެއްވުމާއި ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމުގެ ވިސްނުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވަނީ ޕަލަސްތީނާ އިސްރާއީލުގެ މައްސަލަ ހައްލުކޮށް މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވޭނީ 1967 ގައި އދ އިން ކަނޑައަޅާފައިވާ ގޮތަށް ސަރަހައްދީ އިން ވަކިކޮށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްތީނުގެ ދައުލަތެއްވެސް ގާއިމު ކުރެވިގެންކަން ފާހަގަކުރައްވާފައެވެ.
ފަލަސްތީނުގެ މަންދޫބުގެ ވާހަކަފުޅުގައި ފަލަސްތީނު ދައުލަތެއް ގާއިމު ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއް ކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. ފަލަސްތީނުގެ މަންދޫބު ވަނީ ހިފާފައިވާ ޕަލަސްތީނުގެ ބިންތަކުގައި ގެދޮރު ބިނާކުރުމަށް އިސްރާއީލުން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސް ސޯލިހާއި ހިއްސާ ކުރައްވާފައެވެ. އަދި މި ކަންތައްތަކަކީ ޕަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އޮތް ހުރަހެއްކަން މަންދޫބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޕަލަސްތީނުގެ ރައްޔިތުންނާ އެކުކަމާއި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދު ވެސް ވަކާލާތު ކުރައްވާނެކަމުގެ ޔަގީންކަން ފަލަސްތީނުގެ މަންދޫބަށް ދެއްވާފައެވެ.
އެކީއްކުރަން