ހަ ކިލޯގެ މަސްތުވާ ތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށް ބަންދުގައި ތިބި ފަސް މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.
މި މައްސަލާގައި ފުލުހުންގެ ހައްޔަރުކުރީ އަލީ ހަސަންއާ މުހައްމަދު ފައިސަލާއި އަހުމަދު ރައޫފު އަދި އަހުމަދު މަމްދޫހުގެ އިތުރުން އަބްދުﷲ އިބްރާހީމެވެ. ކްރިމިނަލް ކޯޓުން މި މައްސަލާގައި އިއްޔެ ދޫކޮށްލީ އަބްދުﷲ އިބްރާހިމާއި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހެވެ. މި މައްސަލާގައި ހިމެނޭ އަލީ ހަސަންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާދީފައެވެ. އެއީ އޭނާގެ ކުޑަކަމުދާ ތަކެތިން މަސްތުވާތަކެއްޗަށް ޕޮޒިޓްވެފައިވާތީ އެވެ.
މި މައްސަލާގައި ދެން ހިމެނެނީ މުހައްމަދު ފައިސަލެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމާނީ މާދަމާއެވެ. މި ފަސް މީހުންގެ ތެރެއިން އަބްދުﷲ އިބްރާހީމާއި އަލީ ހަސަން އަދި މުހައްމަދު ފައިސަލަކީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. އަހުމަދު ރައޫދާއި އަހުމަދު މަމްދޫހަކީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ ދެ މީހުންނެވެ.
މި މީހުން ބަންދުން ދޫކޮށްލާފައި މިވަނީ ބަންދުގައި ބައިތިއްބާތާ 62 ދުވަސް ފަހުންނެވެ. ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށެވެ. ކޯޓުން އެމީހުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. ނަމަވެސް އެ ޝަރުތުތަކެއް ނޭނގެއެވެ.
މި މައްސަލާގައި ހިމެނޭ އެންމެނަކީވެސް މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީ ފަދަ ޖިނާއީ ބޮޑެތި ކުށްތަކުގައި އެކި ފަހަރު މަތިން ހައްޔަރު ކޮށްފައި ތިބި މީހުންނެވެ. އޭގެތެރެއިން އެކަކަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެކަކެވެ.