ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމް 'ފެތުން ތަރިން' މިއަދު ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، ފެތުން ތަރިން ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އިފްތިތާހުކުރި ޕްރޮގްރާމެއް ކަމަށެވެ. މިއަދު މާލެ އާއި ހުޅުމާލޭގައި މި ޕްރޮގްރާމް ކުރިއަށް ދާއިރ، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކުންވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް ފެތުން ތަރިން ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

'ފެތުން ތަރިން' ޕްރޮގްރާމަކީ އަލަށް ފަތަން ދަސްކުރުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

"ހަމަހަމަ ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ލިބި އިތުރު ހުނަރެއް މިކުދިންނަށް ދަސްވެގެންދާކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއާއެކު، 'ފެތުން ތަރިން' ޕްރޮގްރާމަށް މި ލިބުނު ތަރުހީބު އަޅުގަނޑުމެން ފާހަގަކޮށްލަން. އަޅުގަނޑުމެންގެ އުންމީދަކީ ސްވިމިންގ އެސޯސިއޭޝަނާއި ކްލަބް ތަކުގެ ތަޖްރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދެވި މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން."
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް

ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ، ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ބީއެމްއެލް އިން ދަނީ އެ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދެމުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކޯޗުންނަށް ވަނީ އެކަމަށް ހާއްސަ ތަމްރީންތަކެއް ދީފައި ކަމަށް ބީއެމްއެލުން ކުރިން ބުނެފައި ވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކޯޗުންނަށް ހާއްސަ ސެޝަންތަކެއް ދީފައިވަނީ އެ ކޯޗުންނަށް މި ޕްރޮގްރާމްގައި ބައިވެރިވާ ވަކިވަކި ފަރާތްތަކުގެ ބޭނުންތައް ދެނެގަތުމަށް ފަސޭހަ ކޮށްދިނުމަށް ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިންނަށް ފެތުމުގެ ހުނަރު ފުރިހަމަ ގޮތުގައި ދަސްކޮށްދިނުމަށް ތިބޭ ކޯޗުންނަށް އެންމެ ރަނގަޅު ގޮތްތަށް ދެނެގަތުމަށް މަގުފަހިކުރެވޭނީ މިފަދަ ސެޝަންތަކެއް ބާއްވައިގެން ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.