ޗައިނާއިން ފަށާފައިވާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮގްރާމަކީ މުޅި ދުނިޔެއަށް ދައްކުވައި ދީފައިވާ ލާމަސީލު މިސާލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެގައުމުގެ ރައްޔިތުންނަށް ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި އެމަނިކުފާނު ވަނީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕާއި އަދި އެ ދެޕާޓީގެ މެންބަރުންގެ ނަމުގައި ޗައިނާގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް ޔާމީންގެ ތަހުނިޔާގެ މެސެޖުގައި ޗައިނާއަކީ އެއްވެސް ގައުމެއްގެ ކުޑަ ބޮޑު މިނަށް ނުބަލާ ގައުމުތަކުގެ ތަރައްގީއަށް އެއްބާރުލުންދޭ ގައުމެއް ކަމަށް ވިދާޅުވިއެވެ. ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް ބޭއްވެވި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ޗައިނާއާ ގުޅިގެން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އަދި އެ މަޝްރޫއުތަކަކީ ދެ ގައުމުގެވެސް އިގްތިސާދަށާއި ރައްޔިތުންނަށް ފައިދާ ކުރުވަނިވި މަޝްރޫއުތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާ އާ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރުމުގެ ގޮތުން ފްރީ ޓްރޭޑް އޭރިއާއެއް ގާއިމް ކުރައްވާފައި ވާކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވަނީ އެ މަސައްކަތަކީވެސް އެކި ގޮތް ގޮތުން ފައިދާ ކުރުވަނިވި މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ޗައިނާ އިން އިސްނަގައިގެން އުފައްދާ އޭޝިއާ އިންފުރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)އަކީ ރާއްޖޭގެ ބައިވެރިވުން އޮތް ކަމެއްކަން ރައީސް ޔާމީންގެ ތަހުނިޔާގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޔާމީންގެ މެސެޖުގައި ޗައިނާ ސަރުކާރަކީ ދުނިޔޭގެ އެއްވެސް ބާރަކަށް "ގުޑުވާނުލެވޭނެ" ގައުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.