ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން މާލީދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ބޭންކިންގް އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގް ބޭނުންކުރުމާ ގުޅޭ މައުލޫމާތުވަނީ ދީފައެވެ. އަދި ވަކީން ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި މީގެ އިތުރުން ބޭންކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިންގް ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.