ވަޒީރު ކަމުގައި ހުންނެވިއިރު ކަންކަން ކޮށްފައި ހުންނާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެމަނިކުފާނާއި ދެކޮޅަށް ސާބިތު ކުރެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ޕީޕީއެމްއާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ބަލަންޖެހޭ ވަރަށް ނުބަލާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ހައުސިން މިނިސްޓްރީން ދޫކުރި ކަމުގެ ލިޔުން ދީފައިވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ގޮތް ގޮތަށް ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް ސަރުކާރަށް އަހަރެއް ވާން ކައިރިވާއިރު ވެސް އެފަދަ އެއްވެސް ލިޔުމެއް އާއްމުންނާއި ހަމައަށް ގެނެސްދެވިފައި ނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ ސާބިތު ހެއްކެއް އޮތް ކަމަށްވާ ނަމަ ސަރުކާރުން އެ ހެއްކެއް އާއްމުންނަށް ނުދައްކާ ނުވަތަ ކަމާ ގުޅުންހުރި އިދާރާތަކަށް އެ މައްސަލައެއް ބެލުމަށް ނުފޮނުވާ ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނީ ދެފުށް ފެންނަ ގޮތަށް ހުރިހާ ކަމެއްވެސް ކޮށްފައި. އިއުލާން ނުކުރާ އެއްވެސް ކަމެއް ނޯންނާނެ. މިންގަނޑެއް ވިޔަސް، އުސޫލެއް ވިޔަސް، ޝަރުތެއް ވިޔަސް، ފޯމެއް ވިޔަސް ހުރިހާ އެއްޗެހި ހުންނާނީ އިއުލާންކޮށްފައި. އެއާ އެއްގޮތަށް ހުންނާނީ ހުރިހާ ކަމެއްވެސް ކުރެވިފައި"
ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ ނެތް އެއްޗެއް ނުދެއްކޭނެ ކަމަށެވެ. ނަމަވެސް އެއްޗެއް އުފެއްދި ދާނެ ކަމަށާއި އުފައްދައިގެން ނޫން ގޮތަކަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ތުހުމަތުތައް ސާބިތު ނުކޮށްދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް މީހަކަށް ނުގަވާއިދުން އެއްޗެހިތަކެއް ދީފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑާ ދެކޮޅަށް ކިތަންމެ ވާހަކައެއް ވެސް ހައްދަވަންވީ އިނގޭތޯ. އަޅުގަނޑު ހަމަ އެއްވެސް މައްސަލައެއް ނެތޭ. އަޅުގަނޑާ ދެކޮޅަށް ސާބިތު ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" މުއިއްޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މުއިއްޒު ވަނީ އިދިކޮޅު ކޯލިޝަންގެ ދަތުރުތަކުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށާއި ޖަލްސާތަކަށް ވަޑައިގަންނަވާ ސަރުކާރުގެ މުވައްޒިފުންނަށް ބިރުދެއްކުމަށް މި ސަރުކާރުން ކަންކަން ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.