އަސްކަރީ ހަތިޔާރު ގަތުމަކީ ގައުމެއްގެ ހައިސިއްޔަތުން ލިބިދީފައި އޮތް އިސްތިގުލާލީ ހައްގެއް ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމެރިކާގެ އިންޒާރުތަކާ އެކުގައިވެސް، މިސައިލުން ދިފާއުވާނެ ނިޒާމެއް ރަޝިއައިން ގަތުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއާއި ބައްދަލުކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ރަޝިއާ އަތުން ގަންނަންވީ އެއްޗަކާ ނުގަންނަންވީ އެއްޗެއް އެހެން ގައުމަކަށް އިންޑިއާގެ މައްޗަށް އެންގިގެން ނުވާނެ ކަމަށާ، ހަމަ މިފަދައިން އެމެރިކާ އަތުން ގަންނަންވީ އެއްޗަކާ ނުގަންނަންވީ އެއްޗެއް އިންޑިއާގެ މައްޗަށް އެހެން ގައުމަކުންވެސް އެންގިގެން ނުވާނެ ކަމަށެވެ.
އެއީ އިންޑިއާގެ ހައްގެއް ކަމަށާ، މަސްލަހަތު އެންމެ ރަނގަޅުވާނީ ހުރިހާ އެންމެންވެސް އެކަން ގަބޫލުކުރުމުން ކަމަށްވެސް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.
އެމެރިކާއާއި ރަޝިއާ ކުރި ވަރުގަދަ ފިނި ހަނގުރާމާގައި ރަޝިއާގެ ކޮޅަށް އެއްބާރުލުން ދެމުންދިޔަ އިންޑިއާއިން ވަނީ، ރަޝިއާ އަތުން އެސް-400 މަރުކާގެ މިސައިލް ޑިފެންސް ނިޒާމެއް ގަތުމަށް ނިންމާފައެވެ. އަދި އެ ސިސްޓަމް ޑެލިވާ ކުރުމުގެ މަސައްކަތް ހިނގަމުން ދާކަމަށް ރަޝިއާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމެރިކާއިން ވަނީ ރަޝިއާ އަތުން އަސްކަރީ ހަތިޔާރު ގަންނަ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާރުދޭ ގާނޫނެއް ފާސްކޮށްފައެވެ. އެމެރިކާ ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް ރަޝިއާއާ ދެކޮޅަށް އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ޔޫކްރޭންނާއި ސޫރިއާގެ ހަމަނުޖެހުންތަކާ ހަނގުރާމައަށް ރަޝިއާއިން އެއްބާރުލުން ދެމުން ދާކަމަށް ބުނެއެވެ.
ކަންމިހެން އޮތްއިރު، މިދިޔަ ޖޫން މަހު ތުރުކީވިލާތުންވެސް ވަނީ ރަޝިއާ އަތުން އެސް-400 މަރުކާގެ މިސައިލް ޑިފެންސް ނިޒާމެއް ގަނެފައެވެ. އެ މައްސަލާގައި އެމެރިކާއިން ވަނީ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުގެ މަޝްރޫއުން ތުރުކީވިލާތް ބޭރުކޮށްފައެވެ. މިމައްސަލާގައި އަދިވެސް އިތުރު ފިޔަވަޅުތަކެއް އެމެރިކާއިން ތުރުކީވިލާތާ ދެކޮޅަށް އަޅާނެ ކަމަށް ބެލެވެއެވެ.
ރަޝިއާ އަތުން މިސައިލުން ދިފާއުވާ ނިޒާމެއް ގަތުމުގެ މަސައްކަތް އިންޑިއާއިން ކުރަމުންދާ މި ދަނޑިވަޅަކީ، ދެކުނު އޭޝިއާގެ ނިއުކްލިއާ ބާރެއްގެ ގޮތުގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިންތިހާއަށް ހީވެފައިވާ ދަނޑިވަޅެކެވެ.