ބޮޑެތި އަދަބުތަކާއެކު މިއަދު މަޖިލީހުން ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ނާޖާއިޒް ފައިދާ މި ސަރުކާރުން ނުނަގާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރުން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްކުމަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މި ގާނޫނުގެ ނާޖާއިޒް ބޭނުން މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ބޮޑެތި އަދަބުތަކާއި، ކޯޓު އަމުރާ ނުލާ މީހުން ހައްޔަރުކުރެވޭ ގޮތަށް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅި ޓެރަރިޒަމްގެ ބިލު ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި ތިންވަނަ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީން ގެނައި އިސްލާހާއި މަޖިލީހުން ގެނައި އިސްލާހުތަކާއެކު މި ބިލު ފާސްކުރުމަށް ވޯޓު ދިނީ ހާޒިރުވެރި ތިއްބެވި 52 މެންބަރުންނެވެ.

ޓެރަރިޒަމްގެ ބިލުގައި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ދޭތީއާއި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާފައިވާތީވެ އެ ކަން ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފާނެ ކަމުގެ ކަންބޮޑުވުންތައް އޮދިކޮޅު ފަރާތްތަކުންނައި ސަރުކާރުގެ މެންބަރުން ވެސް އައީ ފާޅުކުރަމުންނެވެ.

ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމާއި، ކުށްތަކަށް ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް ބިލަށް ވަނީ އިސްލާހު ގެނެސްފައެވެ. ޓެރަރިޒަމްގެ ގާނޫނުގެ 16 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމަށެވެ.

މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމަކީ ނުވަތަ އެކުށް ކުރުމަަށް އެހީތެރިވުމަކީ ނުވަތަ އެކުށް ކުުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި އުޅުމަކީ އަދި އެހީތެރިވުމާ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާ މެދު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖްރާއަތްތައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވެއެވެ.

މި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް، މި ގާނޫނަކަށްވެ އެއަށް އަމަލުކުރަން ފަށާނީ ރައީސް މި ބިލު ތަސްދީގުކުރެއްވުމުންނެވެ.