ބޮޑެތި އަދަބުތަކާއި، ކޯޓު އަމުރާ ނުލާ މީހުން ހައްޔަރުކުރެވޭ ގޮތަށް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅި ޓެރަރިޒަމްގެ ބިލު ފާސްކޮށްފިއެވެ.
ޓެރަރިޒަމްގެ ބިލު ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި ތިންވަނަ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީން ގެނައި އިސްލާހާއި މަޖިލީހުން ގެނައި އިސްލާހުތަކާއެކު މި ބިލު ފާސްކުރުމަށް ވޯޓު ދިނީ ހާޒިރުވެރި ތިއްބެވި 52 މެންބަރުންނެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ.
ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމާއި، ކުށްތަކަށް ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް ބިލަށް ވަނީ އިސްލާހު ގެނެސްފައެވެ. ޓެރަރިޒަމްގެ ގާނޫނުގެ 16 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމަށެވެ.
މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމަކީ ނުވަތަ އެކުށް ކުރުމަަށް އެހީތެރިވުމަކީ ނުވަތަ އެކުށް ކުުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި އުޅުމަކީ އަދި އެހީތެރިވުމާ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
16 ވަނަ މާއްދާގެ ދަށުން 'ހަނގުރާމައަށް ދިއުން' ކަމަށް ބުނެފައިވަނީ ބޭރުގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތް ނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމެވެ.
މި އިސްލާހުގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ދެވޭނެ ކަންކަން ވެސް ހިމަނާފައިވެއެވެ. އެއީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޯޓު އަމުރެއް ތަންފީޒު ކުރުމަށާއި، އެހެން ގައުމެއްގެ ސަރުކާރުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް، އދ. ނުވަނަ އދ. ގެ އެޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމާއި، ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތަކެއް ކުރުން އަދި ސަރުކާރުން ހުއްދަ ދޭކަމެއް ކުރުމަށެވެ. ނަމަވެސް މިނޫން އެހެން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ހަނގުރާމައަށް ދިއުމަށް އެފަދަ ސަރަހައްދަކަށް ދިއުން ކަމުގައި ބެލެވޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މި ކަންކަމުގެ ތެރެއިން ވެސް ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތަކެއް ކުރުން އަދި ސަރުކާރުން ހުއްދަދޭ ކަމެއް ކުރުމަށް ހަނގުރާމަވެރި ސަރަހައްދަކަށް ދެވޭނީ އަދި މަޑުކުރެވޭނީ އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި ލިޔުމުން ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް އިސްތިސްނާވެއެވެ.
ބިލު ހުށަހެޅިއިރު ހަނގުރާމައަށް ހިނގައްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެއެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ބިލު ހުށަހެޅިއިރު ވަނީ ދީފައެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ނަމަވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބު ކޮމެޓީން ވަނީ ލުއި ކޮށްދީފައެވެ. ކޮމިޓީއިން ބިލު ފާސްކުރި އިރު ހަނގުރާމައަށް ދާ މީހުންގެ އަދަބެއް ކަމަށް ބުނެފައި ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ކޮމިޓީ އިން ވަނީ އަދަބު ލުއި ކޮށްދީފައެވެ.
ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާ މެދު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖްރާއަތްތައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
މީގެ އިތުރުން ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާއާމެދު އަމަލުކުރާނެ އުސޫލުތަކެއް ބަޔާން ކުރާ ހައްސަ ބާބެއް ބިލުގައި ވަނީ ހިމަނާފައެވެ.
އެ ބާބުގައި ހަނގުރާމަވެރިން މާނަ ކުރާ ގޮތް:
- ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދާ މީހުން.
- ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް.
- ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.
ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ބޭރުގެ ހަނގުރާމަތަކަށްދާ މީހުންނާ މެދު އަމަލުކުރާ ބާބުގައި ބުނެފައިވާ ގޮތުން، ހަނގުރާއަމަށް ގޮސް އަބުރާ ރާއްޖެ އަންނަ މީހުންނަށް ހާއްސަ ހާލަތެއްގެ ދަށުން ފަރުވާ ދެވި، އެ މީހުން މުޖްތަމައުއަށް އަނބުރާ ނުކުތުމުގެ ފުރުސަތު ލިބިދެއެވެ.
ނަމަވެސް އެމީހުން މުޖްތަމައުއަށް ނެރުމުގެ ކުރިން ރާއްޖެ އައުމާއެކު، ހައްޔަރުކުރުމަށްފަހު، ރިސްކް އެސެސްމެންޓެެއް ހެދުމަށް އެމީހުންނަށް ހާއްސަ ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެ ކަމަށް މި ބާބުގައި ބުނެފައިވެއެވެ.
ޓެެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ހަނގުރާމައަށް ދިއުމަށްފަހު އެނބުރު އަންނަ މީހުން ހައްޔަރުކޮށް، ބަންދުކުރާތާ 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެސް، ބަންދާ މެދު ގޮތެއް ނިންމަންވާނެއެވެ. އަދި ވަގުތީ މަރުކަޒުގައި އެމީހުން ބަންދު ކުރެވޭ މުއްދަތަކީ ގިނަވެގެން 30 ދުވަސް ކަމަށް މި ބާބުގައި ބުނެފައިވެއެވެ.
އަދި އެމީހަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއް ކަމުގައި ބަލައި، ރިސްކް އެސެސްމަންޓް ހެދުމަކާ ނުލައި އަދި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ފަރުވާ ފުރިހަމަކުރުމަކާ ނުލައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެމީހަކު ބަންދުގައި ބެހެއްޓުމަށް، އެ މައްސަލައެއް ބަލާ ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އަދި މި މުއްދަތުގެ ތެރޭގައި ހެދޭ ރިސްކް އެސެސްމަންޓަށްފަހު އެ މީހަކީ ޓެރަރިޒަމްގެ އަމަލުތައް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ނުބެލެވޭ ކަމުގައިވާނަމަ، ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނު ހޯދާފައިވާ ފަރާތެއް ކަމުގައިނުވާނަމަ، އެ މީހަކީ، ކުށުގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމުގައި ކަނޑައަޅަންވާނެ ކަމަށް ބިލުގައި ބުނެއެވެ. އަދި އެފަދަ ފަރާތްތައް މުޖުމައުއަށް އަލުން އަނބުރާ ނެރުމަށްޓަކައި މިނިސްޓްރީން ރިހަބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ވާނެ ކަމަށް ވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ބުނެފައިވެއެވެ.