އެންމެ ބޮޑު ތަރައްގީ އަކީ ފަނޑިޔާރުން އިންސާފުވެރި ކަމާއިއެކު ހުކުމް ކުރެއްވުން ކަމަށް ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިފަދައިން ވިދާޅުވީ، އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް "ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގެ ނަމުގައި ބަނޑޮސް އައިލެންޑް ރިސޯޓްގައި ރޭ ފެށި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަދުލު އިންސާފަށް ވާސިލުވުން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ޓަކައި ގެންނަން ޖެހޭ ތަރައްގީތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވުމާއި ގުޅިގެންނެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކައަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، އެންމެ ބޮޑު ތަރައްގީ އަކީ ފަނޑިޔާރުން އިންސާފުވެރި ކަމާއިއެކު ހުކުމް ކުރެއްވުން ކަމަށާއި، އޭރަކު އެންމެ ބާރު އިތް ކޮޅަކަށް ރަގަނޅު ވާނެހާ ގޮތަށް ހުކުން ނެރުއްވުން ހުއްޓަވާލެއްވުން ކަމަށެވެ. އަދި އިއްޔެ ކުރެއްވި ހުކުމް އަމިއްލަފުޅަށް މިއަދު އެހެން ގޮތަކަށް ބަދަލު ކުރައްވަން ޖެހި ވަޑައިނުގަންނަވާނެ ގޮތަކަށް އަމަލު ކުރެއްވުމަކީ ވެސް ތަރައްގީ ކަމުގައި ޑރ. އިޔާޒް ސިފަކުރެއްވިއެވެ.
ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސްގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވަނީ އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރުމަށް ޓަކައި ކުރަން ޖެހޭ ބައެެއް ކަންތައްތައް ވެސް ސިމްޕޯޒިއަމްގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން އަދުލު އިންސާފު ހޯދަން އަންނަ ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތް ފަހި ކޮށްދިނުން އަދި ޝަރީއަތުގެ މަރުހަލާގެ ތަކުލީފު ކުޑަކުރުމުގެ އިތުރުން މައްސަލަތައް އަވަަހަށް ނިންމުމަކީ ހުކުމްތައް އަވަހަށް އަދި ފުރިހަމައަށް ތަންފީޒު ކުރުމަކީ ކުރަން ޖެހޭ ކަންތައްތައް ކަަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރޭ ފެށި ސިމްޕޯޒިއަމްގައި އަދުލު އިންސާފަށް ވާސިލުވުން ކަށަވަރު ކުރެވޭނީ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެން ކަމަށާއި މި ރޮނގުން ގެންނަން ޖެހޭ އިސްލާހުތަކާއި ތަރައްގީތަކަށް ބަލައިލާނެ ކަމަށާއި އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންކަމާ މެދު ރަނގަޅު ވިސްނުންތަކެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.