ކަޝްމީރުގެ ނަންވެސް ބަޔާން ނުކުރައްވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އދގެ 74 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރުކޮށް ނިންމަވާލެއްވިތާ ކުޑަވަގުތުކޮޅެއް ފަހުން ޕޯޑިއަމަށް ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، އެ ގައުމުގެ ޒަމާންވީ އަދުވު ކަމުގައި އޮތް އިންޑިއާއަށް ބަހުގެ ވަރުގެ ހަމަލަތާކެއް ދެއްވާ، ކަޝްމީރުގައި ލޭ އޮހުރުވުމުގެ ބިރު އެބައޮތް ކަމަށް އިންޒާރު ކުރައްވައިފިއެވެ.

ތާރީހު ނުދެކޭ ވަރުގެ ހަރުކަށި ފިޔަވަޅުތަކެއް، ސަލާމަތަށްޓަކައި ކަމަށް ބުނެ ތަންފީޒުކުރަމުނުންދާ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އިންޑިއާގެ މައި ސަރުކާރުން އިއުލާންކޮށްފައިވާ ކާފިއުގެ އަމުރު ބާތިލުކުރުމާއެކު އެ ސަރަހައްދުގައި ލޭ އޮހުރުވުމެއް ފެށިގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައި އޮތް 2 ގައުމު ހަނގުރާމައިގެ ކުރިމަތިލުމަކަށް ހިނގައްޖެއް ހާލަތެއްގައި، އެ ހަނގުރާމައިގެ އަޑު އެ 2 ގައުމުގެ ސަރަހައްދީ އިމުގެ ބޭރުންވެސް އިވެމުންދާނެ ކަމުގެ އިންޒާރުވެސް އިމްރާންވަނީ ދެއްވާފައެވެ.

"އިންޑިއާ ސިފައިންގެ 9 ލައްކަ މީހުން އެތާނގައި (ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިގައި) އެބަތިބި. އެމީހުން އެތަނުގައި ތިބީ ނަރޭންދްރާ މޯދީ ވިދާޅުވި ފަދައިން ކަޝްމީރަށް ކުރިއެރުން އަދައިގެނެއް ނޫން... ކަޝްމީރުގެ ރަށްވެހިން މިނިވަންވެގެން އަންނައިރު، މި 9 ލައްކަ ސިފައިންނަށް އެތަނުގައި ކުރާނެ ކަމެއް އެނގޭނެތަ؟ އެތަނުގައި ހިނގާނީ ލޭ އޮހުރުވުމެއް" ދުރާލާ ތައްޔާރުކުރެވިފައި ސްކްރިޕްޓަކަށް ބެއްލެވުމެއް ނެތި، ހިތްޕުޅުގެ ޝުއޫރުތައް ބަންޑުން ކުރައްވަމުން އދގެ ޕޯޑިއަމްގައި ތަގުރީރުކުރައްވަމުން އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން މިފަދަ މޭރުމަކުން ބައިނަލްއަގުވާމީ ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވާފައި މިވަނީ، ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލާ، އެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އިންޑިއާގެ މައި ސަރުކާރުން ތަންފީޒުކުރަމުންދާ ދިއުން ހުއްޓުވުމަށް ގެނައުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ހޯއްދަވާނެ ކަމަށް ވިދާޅުވުމަށްފަހުގައެވެ.

ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާއާއި ޕާކިސްތާނުންވެސް ހިފާއިރު، މި 2 ގައުމުންވަނީ މިމައްސަލާގައި 3 ހަނގުރާމައެއް ކޮށްފައެވެ. މި ހާރުވެސް މި 2 ގައުމު އޮތީ ނުރައްކާތެރި ހަނގުރާމައެއްގެ ތުންފަތް މަތީގައެވެ.

އިންޑިއާގެ ވެރިކަމާ ދެކޮޅަށް 1989 ވަނަ އަހަރުން ފެށިގެން ކަޝްމީރުގައި ވަރުގަދަ ހަރަކާތެއް ފެށިފައިވާއިރު، ކަޝްމިރުގެ 'ހަނގުރާމަވެރިންނަށް' އެއްބާރުލުން ދެމުންދަނީ ޕާކިސްތާނުން ކަމަށް އިންޑިއާއިން ކުރާ ތުހުމަތުތަކަށް ޕާކިސްތާނުން އިންކާރުކުރެއެވެ.

އދގެ އިމްރާން ދެއްވި ވަރުގަދަ މެސެޖުތަކަށް މިއަދުގެ ވަގުތެއްގައި އިންޑިއާއިން ރައްދު ދޭނެ ކަމަށް ބެލެވެއެވެ.