ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އިންޑިއާގެ މައި ސަރުކާރުން ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ދޫ ދިނުމަށް އެމެރިކާއިން އެދޭ ކަމަށް އެގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާ ހާރިޖިއްޔާއިން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ އިސް އޮފިޝަލު އެލިސް ވެލްސް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަކިވަކީން ބައްދަލުކުރައްވާ، މަޝްވަރާކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެލިސް ވިދާޅުވީ އެމެރިކާއިން ދެކެން ބޭނުންވަނީ ކަޝްމީރުގައި ތަންފީޒުކުރަމުންދާ ހަރުކަށިފިޔަވަޅުތަކަށް ވީ އެންމެ އަވަހަކަށް ލުއި ދީ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތްތައް މިނިވަން ކުރެވިގެންދާ މަންޒަރު ކަމަށެވެ. ޖައްމުއާއި ކަޝްމީރުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސިޔާސީ ޝަހްސުންނާ ވިޔަފާރިވެރިން ހައްޔަރުކޮށްފައިވާއިރު އެއީ އެމެރިކާއިން ކަންބޮޑުވާ ކަމެއްކަމަށްވެސް އެމެރިކާގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ޖައްމުއާއި ކަޝްމީރަށް ލިބިދީފައި އޮތް މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް އޯގަސްޓް މަހުގެ 5 ވަނަ ދުވަހު މާއްދާ 370 އުވާލާ، އެސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އިންޑިއާގެ މައި ސަރުކާރުން ތަންފީޒުކުރަމުންދާއިރު، މި ބަދަލަކީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ހައްގުތަކެއް ކަށަވަރުކޮށްދޭނެ ބަދަލެއް ކަމަށް އިންޑިއާގެ މައި ސަރުކާރުން ދަނީ ބުނަމުންނެވެ.