ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި ދިފާއީ ވަކީލަކު ޝަރީއަތުގައި ސްމާޓްކަން ދައްކަން އުޅުނު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ހިންގާ ޝަރީއަތުގެ ތެރެއިން ފާހަކުރެވޭ ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން، ދިފާއީ ވަކީލަކު އޭނާގެ ސްމާޓުކަން ދެއްކުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ތެރެއިން ބައެއް ބަސް ގާޒީ އަށް ރައްދުކުރާ މަންޒަރު ފެނި ވަޑައިގެންނެވި ކަމަސް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، ބުދަދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ހިނގާ ދިޔަ ކަންތައްތަކުގެ ތެރެއިން ނޫސްވެރިންގެ ލޮލުގައި އަޅައިގެން އެއްކަމަކީ، އަދަޔާހިލާފު އަޑުހަރުކޮށް ވަކިރާގަކަށް ބަޔާން އިއްވުން، ހުއްޓުވި މަންޒަރު ކަމަށެވެ. އަދި އެކަމުގައި މައްސަލަ ބައްލަވާ ގާޒީ އެޅުއްވި ފިޔަވަޅު ރަނގަޅު ކަން ފާހަގަ ކުރައްވާ ފައިޒް ވިދާޅުވީ، ގުރުއާން ތަރުޖަމާ ކިޔުމާއި، ހުތުބާކިޔުމާއި، ޝަރީއަތުގެ މަޖިލީހުގައި ބަޔާން އިއްވުމާއި، މިއިން ކޮންމެ ކަމަކީވެސް އެކަމެއްގެ މަގާމުގައި ވަކި އުސްލޫބަކުން ކުރަމުން އަންނަ ކަންކަން ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގެ އަދަބުތަކެއް ހުންނަ ކަމަށާއި ހިފަހައްޓަންޖެހޭ އުސޫލުތަކަކާއި ހަމަތަކެއް ހުންނަ ކަން ފާއިޒް ފާހަގަ ކުރެއްވިއެވެ. ފާއިޒް ވިދާޅުވީ، އޭގެތެރެއިން ގިނަ ކަންކަމަކީ ދުނިޔޭގެ އެހެން ޖޫރިސްޑިކްޝަންތައް ފަދައިން ލިޔެފައި ހުންނަ ކަންކަން ނޫން ކަމަށް ވިޔަސް، ކޯޓުރޫމްތަކަށް ފަރިތަ ވަކީލުން ރަނގަޅަށް ދަންނާނެ ކަންތައްތައް ކަމަށާއި ބުދަދުވަހުގެ ޝަރީޢަތުގައި ގާޒީ އިޝާރާތް ކުރެއްވީ އެކަމަށް ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހަކީ ރައްޔިތުންގެ މަޖިހިލީހާއި މުޅިން ތަފާތު މަޖިލީހެއް ކަމަށާއި ޝަރީއަތުގެ މަޖިލީހަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވަކި ހަމަތަކަކާ އެއްގޮތަށް ހިންގާ މަޖލީހެއް ކަމަށް ފާއިޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގެ އެހަމަތައް ހިފެހެއްޓުމަކީ އިސްކަމެއް ދެއްވައިގެން ފަނޑިޔާރު ކުރައްވާނެ ކަމެއް ކަމަށެވެ

މީގެ އިތުރުން ފައިޒް ވިދާޅުވީ، ލައިވްކުރާ ޝަރީއަތެއްނަމަ، މަޝްހޫރުކަން ހޯދުމަށް ތަފާތު ޓެކްޓިކް ބޭނުންކުރުމަކީ ހުރިހާ ތަނެއްގައި ވެސް، ވަކީލުން ކުރާ ކަމެއް ކަމަށެވެ. އެގޮތުން، މަޝްހޫރުވެގެން ދިޔަ އޯޖޭ ސިމްސަން ގެ ޝަރީއަތް ދުނިޔޭގެ ގިނަ ޓީވީތަކުން ލައިވްކުރި އިރު، އެމައްސަލާއިގެ ދިފާއީ ވަކީލު މަޝްހޫރުވީ އޭނާގެ ސްމާޓުކަން ދައްކަން ކުރި މަސައްކަތުންނެވެ. އަދި ސައުތް އެފްރިކާގެ މަޝްހޫރު ބްލޭޑް ރަނާ އޮސްކާ ޕިސްޓޮރިއަސްގެ ޝަރީއަތަކީ ވެސް ދުނިޔޭގެ ގިނަ މީޑިޔާތަކުން ލައިވްކުރި ޝަރީއަތަކަށް ވީއިރު، އެ ޝަރީޢަތުން ވެސް، ދިފާއީ ވަކީލުން ޓެކްޓިކް ބޭނުންކޮށް މަޝްހޫރުކަން ހޯދިއެވެ. ފާއިޒް ވިދާޅުވީ، މިރާއްޖޭގައި ލައިވްކުރަމުން އަންނަ ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީސްތަކުން އެފަދަކަންކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

ފާއިޒް މިފަދައިން ވާހަކަ ދައްކަވާފައި ވާއިރު، ބުދަދުވަހު ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގައި، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް އާސިފް ހުލާސާ ބަޔާން ދެއްވަމުން ގެންދަވަނިކޮށް، މައްސަލަ ބައްލަވަން އިންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ވަނީ "ހުތުބާ" އެއް ހެން ބަޔާން ދެއްވާ ކަމަށް ފާހަގަ ކުރެވޭތީ ވަކީލު ހުއްޓުވާފައެވެ. ގާޒީ ހައިލަމް ވަނީ ވަކީލް އާސިފް ބަޔާން ދެއްވަނިކޮށް ހުއްޓުވުމަށްފަހު ބަޔާން ރަނގަޅަށް ދެއްވުމަށާއި ވަކީލް އާސިފަކީ އަލަށް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ، ބަޔާން ދެއްވާއިރު ހީފުޅުވަނީ ހުތުބާއެއް ދެއްވާހެން ކަމަށް ވިދާޅުވެފައެވެ.