ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމުންތައް ނިންމީ އެންމެ ފައިދާހުރި ގޮތަށް ކަމަށް މި ސަރުކާރުން ގަބޫލުކުރާ ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހްމާން އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ، ކުރީ ސަރުކާރުގައި އިދިކޮޅުގައި ތިބެގެން ރައީސް ޔާމީންގެ ނިންމެވުންތަކަށް ފާޑުކިއި މީހުން މިއަދު ވެރިކަމަށް އައުމަށް ފަހު ރައީސް ޔާމީންގެ ނިންމެވުންތަކަކީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ނިންމަވާފައިވާ ނިންމެވުންތަކެއް ކަމަށް އެއްބަސްވާ ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ފަދަ ލީޑަރެއް ނެތް ކަމަށާއި، ލީޑަރަކަށް ރައީސް ޔާމީން ލިބިވަޑައިގެންނެވުމަކީ އޭނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އަދުރޭ މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ، ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމުކުރާ މެރިޓައިމް ސިލްކުރޫޓަށް އެއްބާރުލުން ދިނުމަށް އެންމެ ފުރަތަމަ ސޮއިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދިވެހިން ފަހުރުވެރިވާ ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖޭގައި އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ހިންގަން ޗައިނާއިން އެހީތެރިިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމަށާއި ހައުސިން މަޝްރޫއުތަކަށް ޗައިނާއިން ފޯރުކޮށްދިން އެހީ މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވަނީ ޗައިނާ އަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި ބޮޑު ދައުރެއް އަދާކުރާ ގައުމެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ޗައިނާއިން ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދު ކުރިއެރުވުމުގައި އަދާކުރާ ރޯލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަންނަ ކަމެއް ކަމަށާއި އެހެންކަމުން މި ސަރުކާރުގެ ވެސް އަމާޒަކީ ޗައިނާ އާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.