ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނު މިވަގުތު އޮތީ ވަރަށް ސީރިއަސް ފައްތަރެއްގައި ކަމަށާ، ދެ އަވަށްޓެރިންގެ މެދުގައި ޖެހިފައިވާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު އޭނާ ވަނީ، އެމެރިކާގައި މިހާރު ކުރިއަށްދާ އދގެ 74 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ޕާކިސްތާބުގެ ބޮޑުވަޒީރު އިމްރާން ހާންއާއި ވަކިވަކީން ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކަށް އިޝާރާތްކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެއީ އާބިޓްރޭޝަން ކަމުގައި ވިއަސް ނުވަތަ މީޑިއޭޓަރެއްގެ ގޮތުގައި ކަމަށްވިއަސް އެމެރިކާއަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިއީ ޕާކިސްތާނާ އިންޑިއާގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ހުށަހެޅުއްވި 4 ވަނަ ފަހަރެވެ.

ޕާކިސްތާނާ އިންޑިއާގެ މައްސަލަ ހައްލުކުރުމަށް އެކަމުގެ ތެރެއަށް އެމެރިކާއިން ވަންނާނީ 2 ގައުމުންވެސް ބޭނުންވެގެން ކަމަށާ، ނަމަވެސް ދެގައުމުގެ ފިކުރު އިންތިހާ ދަރަޖައަށް ތަފާތުވެފައި އޮތުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނާ ޖެހިގެން އުޅޭ މައްސަލަތައް ހައްލުކުރުމަށް 3 ވަނަ ގައުމަކުން އެކަމުގެ ތެރެއަށް ވަންނަން ނުޖެހޭ ކަމުގެ ފިކުރެއް އިންޑިއާއިން ގެންގުޅޭއިރު، ކަޝްމީރުގެ މައްސަލަ "ބައިނަލްއަގުވާމީ ކުރުމަށް' ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ޕާކިސްތާނުން ދަނީ ބުނަމުންނެވެ. އަދި ޕާކިސްތާނުން ދަނީ އެކަމަށް މަސައްކަތްތަކެއްވެސް ކުރަމުންނެވެ.