އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީސް ކުއްލި ގޮތަކަށް 5 ހަފުތާ މުއްދަތަކަށް ސަސްޕެންޑް ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ނިންމެވި ނިންމެވުމަކީ ޣައިރު ގާނޫނީ ނިންމެވުމެއް ކަމަށް އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ކަން ދޫކޮށްލުމުގެ ސުންގަޑި އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާންދާއިރު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މަސައްކަތްޕުޅުތަކަށް ހުރަސް އެޅޭ ގޮތަށް ނިންމެވި ނިންމެވުމަކީ ގޯސް ނިންމެވުމެއް ކަމަށެވެ.

ކުއްލި ގޮތަކަށް މަޖިލިސް ސަސްޕެންޝަނަކަށް ފޮނުވާލެއްވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވަން ގޮވާލާ ގިނަ ބައެއްގެ ޕްރެޝަރާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ޖޯންސަން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމެވުމަށް އެއްބަސްވެވަޑައިގެންނެވެން ނެތް ކަމަށާއި، ނަމަވެސް އެ ނިންމެވުމަށް އިހުތިރާމްކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކު އިނގިރޭސިވިލާތުން މިހާރު ދަނީ މިއަދުގެ ވަގުތެއްގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވަމުންނެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެންބަރުކަން ދޫކޮށްލަންޖެހޭ ސުންގަޑި ހަމަވާން މަސްދުވަހަށް ވެފައިވާއިރު އެގައުމުގައި ދެބަސްވުންތައް އުފެދިފައި ވަނީ އެއްބަސްވުމަކާ ނުލާވެސް މެންބަރުކަން ދޫކޮށްލާނެ ކަމަށް ޖޯންސަންގެ ސަރުކާރުން ބުނަމުންދާ މައްސަލާގައެވެ. މިފަދަ ގޮތަކަށް ކަންކޮށްފިނަމަ ލިބޭނެ ގިނަ ގެއްލުންތަކެއް ހުންނާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އިނގިރޭސިވިލާތަށް އަދިވެސް ވަނީ އެއްބަސްވުމެއް އެކުލަވާނުލެވިފައެވެ.