ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ފަޔާ ރިލީފް އެކައުންޓަށް ޖަމާވީ 190،000 ރުފިޔާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ، މިދިޔަ ހުކުރު ދުވަހު ހ.ތިލަފުށީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އެ އޮތޯރިޓީން ހުޅުވާފައިވާ ރިލީފް އެކައުންޓަށް މިއަދު 4:00 އާ ހަމައަށް 191،555.25 ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނީ، އެ އޮތޯރިޓީން ހުޅުވާފައިވާ ރިލީފް އެކައުންޓަށް ފައިސާ ޑޮނޭޓް ކުރުމަށް އެ އޮތޯރިޓީގެ ފަރާތުން އެއްވެސް މީހަކަށް ފޯނު ނުކުރާނެ ކަމަށެވެ. އަދި ފައިސާ ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އަމިއްލައަށް ރިލީފް އެކައުންޓަށް ފައިސާ ޖަމާ ކުރުމަށް ވެސް އެ އޮޓޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭ އިން މިފަދައިން ބުނެފައި ވާއިރު، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ހޯދުމަށް ކަމަށް ބުނެ ބައެއް ނަންބަރުތަކުން ދަނީ ފޭކް ފޯނު ކޯލުތައް މީހުންނަށް ކުރަމުންނެވެ. މިފަދައިން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އާޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަމާއި އެމްއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.