ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުމަށްފަހު މަޖިލީހަށް ފޮނުވި އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މަޖިލީހުގެ ޗުއްޓީގެ ތެރެއިން ކުރިއަށް ގެންދާ ސަލާމަތު ކޮމިޓީގެ އެޖެންޑާގައިވަނީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އެކަންޏެވެ. ކޮމިޓީ ފެށުމުގެ ކުރިން މެންބަރުން ވަނީ ކޮމިޓީގެ ބައްދަލުވުމެއް ސިއްރު ކުރަން ފާސްކޮށްފައެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅީ އިސްލާހާ ހުޅިގެން ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށްގެން ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައެވެ. މި ބައްދަލުވުމަށް ހާޒިރުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އެމްއެންޑީއެފްއާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

އާ ބިލުގައި ވަނީ ފުލުހުންނަށް ވެސް ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ކޯޓު އަމުރެއް ނެތި ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރުކުުރުމާއި، ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން ވެސް ކޯޓު އަމުރެއް ނެތި ތަންތަން ބަލާ ފާސްކުރުމުގެ ބާރު ވެެސް ފުލުހުންނަށް ލިބިގެން ދެއެވެ.

ޓެރަރިޒަމްގެ ގާނުނަށް ގެނައި އިސްލާހުގައި ވަނީ ޓެރަޒިމްގެ ކުށްތައްކާއި ބޮޑެތި އަދަބުތައް ވެސް ކަނޑައަޅާފައެވެ. މީގެ އިތުުރުން އެ ގާނޫނުގެ ދަށުން 17 ޖަމާއަތެއް ރައީސް ވަނީ ޓެރަރިސްޓް ޖަމާއަތްކަމުގައި ކަނޑައަޅާފައެވެ.